ގަނޑުފެނުގެ ފޮއްޓެއްގެ ތެރޭގައި އެންމެ ގިނަ ވަގުތު ހޭދަ ކުރުމުގެ ރެކޯޑް، އޮސްޓްރީއާއަށް ނިސްބަތްވާ، އުމުރުން 42 އަހަރުގެ ޖޯސެފް ކޮއެބާލް އާ ކޮށްފިއެވެ.

އޭނާ މި ރެކޯޑް ހަދާފައި ވަނީ، ގަނޑުފެން އަޅާ ފުރާފައިވާ ފޮއްޓެއްގެ ތެރޭގައި 2 ގަޑިއިރާ 30 މިނެޓް، 57 ސިކުންތު ހޭދަކޮށްގެންނެވެ.

އޮސްޓްރިއާއަށް ނިސްބަތްވާ، އުމުރުން 42 އަހަރުގެ ޖޯސެފް ކޮއެބާލް/ފޮޓޯ: ރޮއިޓާޒް

އެތެރެ ފެންނަ ގޮތަށް ފަރުމާ ކޮށްފައިވާ ފޮށީ ތެރޭގައި ކޮއެބާލް ހުރީ، ފަތާއިރު ލާ ޒާތުގެ ކޫޑަ ސޯޓުކޮޅެއް ލައިގެން، ދެއަތުން މޭމަތި ނިވާ ގޮތަށެވެ. ފޮށިގަނޑު ތެރޭގައި، އޭނާގެ ކޮނޑާ ހިސާބަށް ގަނޑުފެން އަޅާފައި ހުއްޓެވެ. އެއީ ގާތްގަނޑަކަށް، 200 ކިލޯގްރާމްގެ އައިސްކިއުބެވެ.

ުޖޯސެފް ކޮއެބާލް، ގަނޑުފެން އަޅާފައިވާ ފޮށިގަނޑުގެ ތެރޭގައި ރެކޯޑް ހަދަން ތައްޔާރުވަނީ/ފޮޓޯ: ޔާހޫ

ގަނޑުފެންތަކުގެ ތެރޭގައި ހުރިއިރު، ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ތަހައްމަލު ކުރުމުގެ ގޮތުން، އޭނާ ވިސްނަމުންދިޔައީ އެދެވޭ ހިޔާލުތަކާ މެދުގައި ކަމަށް ކޮއެބާލް ވަނީ ބުނެފައެވެ.

ގަނޑުފެނުގެ ފޮއްޓެއްގެ ތެރޭގައި އެންމެ ގިނަ ވަގުތު ހޭދަ ކުރުމުގެ ރެކޯޑް މީގެ ކުރިންވެސް އޮތީ ކޮއެބާލް އަތުގައެވެ. އެއީ މިދިޔަ އަހަރު، 2 ގަޑިއިރާ، 8 މިނެޓް 47 ސިކުންތުން އޭނާ ހެދި ރެކޯޑެކެވެ. 2019 ވަނަ އަހަރުގެ ރެކޯޑް، މިއަހަރު އާ ކުރިއިރު، އަދިވެސް މި ރެކޯޑް އާ ކުރުމަށް ކޮއެބާލް ހުރީ އަމާޒު ހިފާފައެވެ. އޭނާ މިކަން ކުރާނީ 2021 ވަނަ އަހަރު، އެމެރިކާގެ ލޮސްއެންޖަލީސްގައި ކަމަށް ޚަބަރު ލިބެއެވެ.