ރާއްޖެއިން މިއަދު ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވަނީ 80 މީހުން ކަމަށާއި ވޭތުވެ ދިޔަ 24 ގަޑިއިރު ބަލިން ރަނގަޅުވެފައި ވަނީ 159 މީހުން ކަމަށް ހެލްތް ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންނާއި 60 ބިދޭސީ 20 މީހެކެވެ.

މިއަދު ޕޮޒިޓިވްވި 80 މީހަކާއި އެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 8361 އަށް އަރާފައެވެ. މިއަދު ބަލިން ރަނގަޅުވެފައި ވަނީ 159 މީހުން ކަމަށް އެޗްޕީއޭން ބުނެއެވެ.

މިހާރު ހޮސްޕިޓަލުގައި 162 މީހަކަށް ފަރުވާ ދެމުން ދާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1253 މީހަކު އެބަ ތިއްބެވެ. މިހާތަނަށް އައި އިރު ރާއްޖެއިން ކޮވިޑް ބަލީގައި 29 މީހަކު ވަނީ ނިޔާވެފައެވެ.

މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 39 ރަށަކާއި 20 ރިސޯޓެއް ވާއިރު، ރިސޯޓުތަކުން ހިމެނެނީ 17 ޓޫރިސްޓަކާއި 45 ސްޓާފުންނެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ކުރެންދޫއާއި ކ. އަތޮޅުން ދިއްފުށިއާއި ގުރައިދޫއާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އއ އަތޮޅުން މަތިވެރި، އދ. އަތޮޅުން އޮމަދުއާއި މާމިގިލި، މ އަތޮޅުން މުލަށް، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫއާއި ރިނބިދޫ، ތ. އަތޮޅުން އޮމަދޫ އާއި ލ. ފޮނަދޫ، ގއ. އަތޮޅުން ދާންދޫއާއި، ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫ އަދި މަރަދޫއެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.