ލ. ފޮނަދޫގައި ހޯމް ކަރަންޓީގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ ބިދޭސީއެއް ކަމަށާއި އޭނާ ޕޮޒިޓިވް ވެފައި ވަނީ ހޯމް ކަރަންޓީނަށް ފަހު ނެގި ސާމްޕަލުން ކަމަށެވެ.

އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ސިއްހީ އެހީތެރިން މިހާރު އަޅުއްވަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއަދު ފޮނަދޫން މީހަކު ޕޮޒިޓިވް ވެފައި ވާރު، މިއަދު ވަނީ ނ. މާޅެންދޫ އާއި ޅ. ނައިފަރުގެ އިތުރުން އއ މަތިވެރިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

މިހާރު ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2767 މީހެކެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1365 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީ ތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8140 އަށް އަރާފައި ވާއިރު އޭގެތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަންދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ކ. އަތޮޅުން ދިއްފުށިއާއި ގުރައިދޫއާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އދ. އަތޮޅުން އޮމަދުއާއި މާމިގިލި، މ އަތޮޅުން މުލަށް، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫއާއި ރިނބިދޫ، ތ. އަތޮޅުން ތިމަރަފުއްޓާއި އޮމަދޫ ލ. ގަން، ގއ. އަތޮޅުން ދާންދޫއާއި، ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫއ އަދި މަރަދޫ އެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ށ. ފީވަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.