ނ. މާޅެންދޫ އާއި ޅ. ނައިފަރުން އިތުރު ދެ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ނައިފަރުން ފުރަބަންދު ކަރަންޓީން ނިންމުމަށްފަހު ނެގި ސާމްޕަލުން މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ 33 އަހަރުގެ އަންހެނެއް ކަމަށްވެސް އެޗްއީ އޯސީން މައުލޫމާތު ދެއެވެ.

އަދި މާޅެންދޫން ޕޮޒިޓިވް ވެފައި ވަނީ ޕޮޒިޓިވް ވެފައިވާ މީހެއްގެ ކޮންޓެކްޓެއް ކަމަށާއި އެއީ 54 އަހަރުގެ އަންހެނެއް ކަމަށް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

ނައިފަރުން މިދިޔަ އަންގާރަ ދުވަހު ވަނީ 4 މީހަކު ޕޮޒިޓިވް ވެފައެވެ. އެ މީހުން ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނު ނިންމުމަށް ފަހު ނެގި ސާމްޕަލްތަކުންނެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަންދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ކ. އަތޮޅުން ދިއްފުށިއާއި ގުރައިދޫއާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އދ. އަތޮޅުން އޮމަދުއާއި މާމިގިލި، މ އަތޮޅުން މުލަށް، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫއާއި ރިނބިދޫ، ތ. އަތޮޅުން ތިމަރަފުއްޓާއި އޮމަދޫ ލ. ގަން، ގއ. އަތޮޅުން ދާންދޫއާއި، ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫއ އަދި މަރަދޫ އެވެ.

މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ށ. ފީވަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިހާރު ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2767 މީހެކެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1365 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8140 އަށް އަރާފައި ވާއިރު އޭގެތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.