އއ. މަތިވެރިން 2 މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މަތިވެރީ ކައުންސިލުގެ ރައީސް އިސްމާއިލް އާތިފް ވިދާޅުވީ މިއަދު އެ ރަށުން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ހުރި އަންހެނެއް ކަމަށެވެ. އަދި އިއްޔެ އެ ރަށުން ޕޮޒިޓިވް ވެފައި ވަނީ އިންޑިއާ ނަރުހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވީ 21 އަހަރުގެ އަންހެނެއް ކަމަށާއި އޭނާ އަކީ ވިހެއުމަށް ފަހު ރަށަށް ދިޔަ މީހެއް ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.

ޕޮޒިޓިވް ވެފައިވާކަން އިނގިފައި ވަނީ 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ހަމަވުމުން މީގެ ތިން ދުވަސްކުރިން ނެގި ސާމްޕަލުން ކަމަށާއި އޭނާގެ ފިރިމީހާ ބައްޔަށް ނެގެޓިވް ވެފައިވާ ކަމަށްވެސް އާތިފް ވިދާޅުވިއެވެ. އަދި ދަރިފުޅާ އަންހެން މީހާގެ މަންމަގެ ސާމްޕަލްގެ ނަތީޖާ ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަތުވެރިން ކޮވިޑް ކޭސް ފެނިފައި ވާއިރު، އަތޮޅު ތެރޭގައި ހުރި ކޮވިޑް އެކްޓިވް 91 ކޭސް އެވެ. އޭގެ ތެރެއިން 4 މީހުންނަށް ކޮވިޑް ފެސިލިޓީތަކުން ފަރުވާދެމުންދާ އިރު ބާކީ ތިބި 87 މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

‏މިހާރު ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2767 މީހެކެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1365 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8140 އަށް އަރާފައި ވާއިރު އޭގެތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.

އެކްޓިވް ކޭސް ފެނިފައިވާ ރަށްރަށުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅުން ޅައިމަގާއި ފީވަށް، ނ. އަތޮޅުން މިލަންދޫއާއި ކުޑަފަރިއާއި މާޅެންދޫ، ބ. އަތޮޅުން ހިތާދޫއާއި ތުޅާދޫއާއި އޭދަފުށި، ރ. އަތޮޅުން ރަސްމާދުއާއި އިނގުރައިދޫއާއި ދުވާފަރާއި، ކިނޮޅަސް، ޅ. އަތޮޅުން ނައިފަރާއި ހިންނަވަރު، ކ. އަތޮޅުން ދިއްފުށިއާއި ގުރައިދޫއާއި ތުލުސްދޫއާއި ހިންމަފުއްޓާއި މާފުށި، އދ. އަތޮޅުން އޮމަދުއާއި މާމިގިލި، މ އަތޮޅުން މުލަށް، ފ. އަތޮޅުން ބިލެއްދޫއާއި ނިލަންދޫއާއި ދަރަބޫނދޫ، ދ. އަތޮޅުން ކުޑަހުވަދޫއާއި މީދޫއާއި ރިނބިދޫ، ތ. އަތޮޅުން ތިމަރަފުއްޓާއި އޮމަދޫ ލ. ގަން، ގއ. އަތޮޅުން ދާންދޫއާއި، ވިލިނގިލި، ގދ. އަތޮޅުން ފަރެސްމާތޮޑާއާއި ހޯޑެއްދޫއާއި ތިނަދޫ، ސ. އަތޮޅުން ފޭދުއާއި ގަމާއި، ހިތަދޫއ އަދި މަރަދޫ އެވެ. މި ރަށްރަށުގެ ތެރެއިން މޮނިޓަރިންގެ ހާލަތުގައި އޮތީ ށ. ފީވަށް އެކަނި ކަމަށް އެޗްޕީއޭއިން ބުނެއެވެ.