ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނީ ހދ. ކުޅުދުއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 08:00 އިން ފެށިގެން މިއަދު ހެނދުނު 08:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ކުޅުދުއްފުއްޓަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުއްޓަށް ވަނީ 87.8 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ށ. ފުނަދޫ އަށެވެ. އެެއީ 55.4 މިލިލީޓަރުގެ ވާރޭއެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ. ކެލާއަށެވެ. އެގޮތުން އެރަށަށް ވަނީ 50.5 މިލިލީޓަރުގެ ވާރޭ ވެހިފައެވެ.
ކުރިއަށް 24 ގަޑިއިރުގެ މޫސުމަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ވައި ޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަ ވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ވަނީ އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ.