ސްޓޫޑަންޓް ލޯނު ސްކީމް އާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނު ސްކީމުގެ ދަށުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންވިޑުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މިހާލަތުގައި ގިނަ ފަރާތްތަކެއްގެ އާމްދަނީއަށް އަސަރުކޮށްފައިވުމާއިއެކު، އާއްމު ހާލަތަށް ރުޖޫއަވުމަށް ވަގުތު ނަގާނެކަމަށް ބެލެވޭތީ، ސްޓޫޑަންޓް ލޯނު އަނބުރާ ދެއްކުން، ސެޕްޓެމްބަރު ގެ ނިޔަލަށް އިތުރުކޮށްފައިވާ ކުރުން 2020 ވަނަ އަހަރުގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ.

އެ ނިންމުމާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އާއި ބޭންކް އޮފް ސިލޯން ދަރިވަރުން ނަގާފައިވާ ނޭޝަނަލް ސްޓޫންޑަންޓް ލޯނު ސްކީމްގެ ލޯނުތަކާއި އެޑިޔުކޭޝަން އެސިސްޓަންސް ލޯނު ސްކީމްގެ ލޯނުތަކުގެ އިތުރުން މީރާއަށް ލޯނު ރީޕޭމަންޓް ދައްކާގޮތަށް ހަމަޖެހިފައިވާ ލޯނުތައް އަނބުރާ ދައްކަންޖެހިފައިވާ ފަރާތްތަކާއި ލޯނު ސްކީމްގެ ދަށުން ނަގާފައިވާ ލޯނުތައް އެ މިނިސްޓްރީއަށް ދައްކަމުންދާ ފަރާތްތަކުން މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ސްޓޫޑަންޓް ލޯނު ރީޕޭމަންޓްގެ އެއްވެސް ފައިސާއެއް ދައްކާކަށް ނުޖެހޭނެއެވެ.

އަދި ލޯނު ދައްކާ ހަލާސްކުރަން މިހާރު އެގްރިމެންޓްކޮށްފައިވާ މުއްދަތަށް އެގްރިމަންޓް ބަދަލުކުރުމަކާނުލާ ޑިސެމްބަރު ގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އަދި މަހުންމަހަށް ދައްކަމުންދާ އަދަދަށް ބަދަލެއް ނާންނާނެ ކަމަށާއި ކަމާގުޅޭ އިދާރާތަކާއިއެކު އެކަމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.