"އަހަރެން އޯސީޑީކަމުން" މިއީ އަދުގެ ބައެއް ޒުވާނުން ބައެއް ދުލު ފަސޭހައަށް ބޭނުންކޮށްލާ އެންމެ އާންމު އެއް އުޒުރެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރެވެނީ "އޯސީޑީ ކަމުންނޭ" ބުނާއިރު، އެއީ ކިހާވަރެއްގެ ކަމެއްކަން އެނގެނީ ކިތަށް މީހުންނަށްބާއެވެ. "އޯސީޑީ" އަކީ ހަގީގަތުގައި ކޮބައިކަންވެސް އެނގެނީ އެހެން ބުނާ ކިތަށް މީހުންނަށްތޯ ސުވާލުކޮށްލާށެވެ.

އޯސީޑީ ނުވަތަ އޮބްސެސިވް ކޮމްޕަލްސިވް ޑިސްއޯޑާއަކީ، އަދުގެ މުޖުތަމައުގައި އާންމު ނަފްސާނީ ބަލިމަޑުކަމެކެވެ. މިއީ އަމިއްލަ ނަފްސަށް ކޮންޓްރޯލް ގެއްލޭ ދަރަޖައަށް ވިސްނުމާ ހަރަކާތްތައް އިތުރުކޮށްލުވާ ނަފްސާނީ ބައްޔެކެވެ. ދެކުނު އޭޝިއާ ސަރަހައްދަށް ބަލާއިއު އިންޑިއާގެ އާބާދީގެ 0.8 ޕަސެންޓް މީހުން، އަދި ކުރިއަރާފައިވާ އެންމެ ތަރައްގީ ގައުމުތަކަށް ބަލާއިރު، އެމެރިކާގެ އާބާދީގެ 2 ޕަސެންޓް މީހުންނަކީ އޯސީޑީ ޕޭޝަންޓުންނެވެ.

ހިޔާލާއި ފިކުރަށް ގެއްލިފައި އިން މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ނިއުހާބިންގާ

އޯސީޑީގެ މައިގަނޑު 2 ބައެއް އޮވެއެވެ. އެއީ އޮބްސެޝަން އާއި ކޮމްޕަލްޝަންއެވެ. އޮބްސެޝަންއަކީ އަމިއްލަ އިހުތިޔާރުން ބޭރުގައި ނަފްސަށް އުނދަގޫ ކުރުވާ ފިކުރުތަކެކެވެ. މި ހިޔާލާއި ފިކުރުތަކުގެ ނަތީޖާއެއްގެ ގޮތުން ހާސްކަމާ ނުތަނަވަސްކަން (އެންޒައިޓީ) ކުރިމަތިކުރުވައެވެ. ކޮމްޕަލްޝަންއަކީ އެންޒައިޓީގެ ހާސްކަން ކުޑަކުރުމަށާ، ނަފްސަށް އުނދަގޫ ކުރަނިވި ހިޔާލުތަކާ ފިކުރުތައް ކުޑަ ކުރުވުމަށް ތަކުރާރުކޮށް ނަފްސު ޝާމިލު ކުރެވޭ ހަރަކާތްތަކެކެވެ.

މި އޮބްސެޝަންސްއާއ ކޮމްޕަލްޝަންސްއަކީ އެކި ޕޭޝަންޓުންނަށް ތަފާތު ކަންކަމެވެ. ދުނިޔެ ނުދޭ ނުރައްކާތެރި ބަލިމަޑުކަމެއްގެ ހިތްދަތި ދުވަސްތައް ތަހައްމަލު ކުރަމުންދާއިރު، އޯސީޑީ ޕޭޝަންޓުންނަށް އުފުލަންޖެހިފައިވާ ތަކުލީފުތައްވެސް ތަފާތެވެ. ބައެއް މީހުން ތަކުރާރުކޮށް ގޭތެރެ ޑިސްއިންފެކްޓް ކުރުމުގައި އުޅޭއިރު، އަނެއް ބަޔަކު ދަނީ އެކި ކަހަލަ މުދަލާއި ސާމާނުން ގޭތެރެ ފުރަމުންނެވެ.

އޯސީޑީގެ ތަފާތު 5 ވައްތަރެއް މިހާތަނަށް ވަނީ ދެނެގަނެވިފައެވެ. އެ ބާވަތްތަކާ، އެ ބާވަތްތަކުގެ އަލާމާތްތަކަށް އަހުލުވެރިވުމަކީ ތިބާއާއި އަނެކާއަށް ހުރި ހެވަކަށް ވެދާނެއެވެ.

ހޭންޑް ސެނިޓައިޒާއެއް ބޭނުންކޮށްގެން އަތް ސާފުކުރުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އެންވައިޕީ

ސާފުކުރުން

މިއީ ކޮންމެވެސް ކަހަލަ "ޖަރާސީމެއްގެ" ސަބަބުން ތާއަބަދުހެން "ނުތާހިރު" ކަމެއް އިހުސާށް ކުރެވޭ އޯސީޑީއެކެވެ. މި ގިންތީގައި ހިމެނޭ ޕޭޝަންޓުންނަކީ އަވަސްއަވަހަށް ބަލިވެސް ވާ ބައެކެވެ. މި ޕޭޝަންޓުންނަކީ، އިންފެކްޝަނެއް ޖެހިދާނެ ކަމަށްޓަކައި އަނެކާ ދެކެ އިންތިހާއަށް ބިރުގަނެ، ގިނަ ފަހަރަށް، އެކަހެރިކަމަށް ބަރޯސާވާ ޕޭޝަންޓުންނެވެ.

މި ބާވަތުގެ އޯސީޑީ ޕޭޝަންޓުންނަކީ ތާއަބަދުހެން ޑިސްއިންފެކްޓް ކުރުމާއި ސާފު ކުރުމަށް ބޭނުންވާ ބައެކެވެ. ސިއްހަތަށް ގެއްލުން ދެނިވި ދަރަޖައަކަށެވެ. ސާފުކުރުމުގެ މަސައްކަތް އެތައް ގަޑިއިރަކަށްވެސް ދެމިގެން ހިނގައިދާނެއެވެ. މިކަމުގެ ސަބަބުން އެ ޕޭޝަންޓުގެ ޖިސްމާނީ ސިއްހަތަށްވެސް ނޭދެވޭ އަސަރު ފޯރައެވެ. ސާފު ކުރަމުން، ކުރަމުން ގޮސް، އަމިއްލަ ނަފުސުގެ އެކި ތަންތަނުން ހަންމެށި، ލޭ ހިލޭ ވަރު ވަންދެން ސާފުކުރާ މީހުންވެސް އުޅެއެވެ.

ސައިބޯނި ލައިގެން އަތް ދޮވުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ބައެއް އަލާމާތްތައް:

  • ޖަރާސީމަށް ހުށަހެޅިގެން ބައްޔެއް ޖެހިދާނެ ކަމަށް އާދަޔާ ހިލާފަށް ބިރުގަތުން
  • މާގިނައިން އަތް ދޮވުން
  • އެހެން މީހުންނާ ބައްދަލުކޮށް، އެހެން މީހުންގެ ގައިގައި އަތްލުމަށް ނުވަތަ އެހެން މީހުން އެމީހެއްގެ ގައިގައި އަތްލުމަށް ބިރުގަނެ ޖެހިލުންވުން

ހިޔާލާއި ފިކުރު

މިއީ އެއްވެސް އިންޒާރަކާ ނުލާ، އިންސާނާގެ ވިސްނުމުގެ ތެރެއަށް ވަދެގެންދާ ފިކުރުތަކެވެ. މިއީ އިންޓްރޫސިވް ނުވަތަ ފޮބިޑަންޑް ތޯޓްސްއޭވެސް ބުނެވިދާނެއެވެ. މިއީ ކޮންމެ އިންސާނަކަށްވެސް އަންނާނެ ހިޔާލުތަކެކެވެ. ނަމަވެސް، އޯސީޑީ ޕޭޝަންޓަކަށް މިކަން ކުރިމަތިވާން ފެށުމުން ކޮންޓްރޯލުން ނައްޓައިގެން ދެއެވެ.

ކޮވިޑް-19ގެ ލޮކްޑައުންގައި ހާސްވެ މާޔޫސްވެފައި އިން މީހެއް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އާރްއެފްއައި

ފޮބިޑަންޑް ތޯޓްސްގެ ތަކުލީފުތައް އުފުލާ އޯސީޑީ ޕޭޝަންޓަކު އެކަމާ ލަދުގަނެ، ނޭދެވޭ ޖަޒުބާތުތަކެއް އިހުސާސްކުރެއެވެ. އަދި އެ ހިޔާލުތައް ހުއްޓުވުމަށް، ދެކޮޅު ނުޖެހޭ ހަރަކާތްތަކަކަށް ބަރޯސާވެއެވެ. މިސާލަކަށް، ތަންތަނަށް ދިއުން ހުއްޓާލުމާ، ވަކި ބަޔަކާ ބައްދަލު ކުރުމަށް އިންކާރު ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ޒާތުގެ އޯސީޑީ ހުންނަ މީހުންގެ ނަފްސަށް އުނދަގޫ ކުރުވާ ޒާތުގެ ފިކުރުތަކުގެ ތެރޭގައި ޖިންސީ ހަރަކާތްތަކާ ގުޅޭ ނޭދެވޭ ފިކުރާ، ދީނީ ކަންކަމާ ގުޅުންހުރި ފިކުރުތަކާ، ހަމަނުޖެހުމާ ހަމަލާ ދެނިވި ޒާތުގެ ފިކުރުތައްވެސް ހިމެނެއެވެ. މި ތަކުލީފުތައް ތަހައްމަލު ކުރަމުންދާ ޕޭޝަންޓުންނަކީ، ފިކުރުތައް ކޮންޓްރޯލްކޮށް، އޮއްބާލުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެކެވެ.

ސިމެޓްރީ

މިއީ ވަކި އުސޫލަކުން ބައްޓަން ހަމަކުރުމަށް އާދަޔާ ހިލާފަށް ސަމާލުކަން ދޭ ބައެކެވެ. މި ޒާތުގެ އޯސީޑީ ހުންނަ މީހުންނަކީ ވަކިގޮތަކަށް އަންނައުނު ފަތްޖަހަން ބޭނުންވާ ބައެކެވެ. ނުވަތަ ވަކި ގޮތަކަށް އެއްޗިހި ތަރުތީބު ކޮށްފައި ބަހައްޓަން ބޭނުންވާ ބައެކެވެ. ފަތްޖެހުމަށްފަހު ކަބަޑަށް ލާ އަންނައުނުތަކުގެ ތެރެއިން އެންމެ އެއްޗެއްވެސް އެހެން ގޮތަކަށް އޮވެއްޖެނަމަ މިޒާތުގެ ޕޭޝަންޓުންގެ ނަފްސަށް އިންތިހާ އުނދަގޫ ކުރުވައެވެ. އަދި އެކުރި މަސައްކަތް އަނެއްކާ އަލުން ތަކުރާރު ކުރެއެވެ. އެއް އަތް ތެމިއްޖެނަމަ، ދެން އޮތް އަތްވެސް ކޮންމެހެން ތެތްކުރެއެވެ. މިކަން ކުރާނީ ބޭއިހުތިޔާރުގައެވެ.

ވަކި ތަރުތީބަކުން، ދެ އެއްޗެއްގެ މެދުގައި އެއް ދުރުމިނެއް ބަހައްޓައިގެން އެއްޗިހި އަތުރަނީ/ފޮޓޯ: ޕްރީމިއާ ހެލްތް

އަލާމާތްތައް:

  • ތަޅުލެވިފައި ހުރިތޯ ތަކުކާރުކޮށް ޗެކުކުރުން
  • ހިނގާއިރު އަޅާ ފިޔަވަޅުތައް ގުނުން
  • ފާރުތަކުގައި ޖަހާފައި ހުންނަ މުށި ގުނުން
  • އެއް އުސޫލަކުން އެއްޗިހި ތަރުތީބުކޮށް އެތުރުން

ގެއްލުން ދެނިވި ހަމަލާއަށް ސަމާލުކަން ދިނުން

މި ޒާތުގެ އޯސީޑީ ހުންނަ މީހުންނަކީ އެކި ގޮތް ގޮތުން އަމިއްލަ ނަފްސަށާ އެހެން މީހުންނަށް އަނިޔާ ދިނުމުގެ ފިކުރުތަކާ ހަނގުރާމަ ކުރާ ބައެކެވެ. ނަމަވެސް މި ފިކުރުތަކަކީ އެ ފިކުރުތަކަކާ މެދު އެ ޕޭޝަންޓުން އިންތިހާއަށް ކަންބޮޑުވާ ފިކުރުތަކެކެވެ. ބޭއިހުތިޔާރުގައި ނުބަތަ އެކްސިޑެންޓެއްގެ ތެރެއިންވެސް އެފަދަ ހަމަލާއެއް ދެވިދާނެ ކަމަށްޓަކައެވެ.

ފިރިހެނަކު މާޔޫސްވެފައިވާ މަންޒަރު ރަމްޒުކޮށްދޭ ފޮޓޯއެއް / ފޮޓޯ: ދަ އައިރިޝް ޓައިމްސް

މި ގިންތީގެ ޕޭޝަންޓުންނަކީ، މިސާލަކަށް، ސައިކަލުން މީހެއްގެ ގައިގައި ޖެއްސުމަށް ނުވަތަ ރޭލު ދުއްވާ ދަގަނޑު މައްޗަށް އެރުމަށް ނަފްސު އުނދަގޫ ކުރުވަމުން ގެންދާ ބައެކެވެ.

އަލާމާތްތައް:

  • އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ކުއްލި ފިކުރެއް އައުން
  • ހަމަނުޖެހުންތަކާ ގެއްލުންދެނިވި އަމަލުތަކާ މެދު ބޭއިހުތިޔާރުގައި ވިސްނުން
  • ނުރަނގަޅު ކަމެއް ހިނގާފާނެ ކަމަށް ބަލާ، އެކަން ހުއްޓުވުމަށް ކުރާނެ ކަންތައްތަކެއް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން ސިކުނޑި ތެރޭގައި ކުރުން
  • ހަރަކާތްތެރިވެވުނު ގޮތް ނުވަތަ އުޅެވުނު ގޮތަށް ނަޒަރު ހިންގާ، މީހަކަށް އަނިޔާއެއް ނުދެވޭކަން ކަށަވަރު ކުރުން
ވަކި ތަރުތީބަކުން، ދެ އެއްޗެއްގެ މެދުގައި އެއް ދުރުމިނެއް ބަހައްޓައިގެން އެއްޗިހި އަތުރަނީ/ފޮޓޯ: މީޑިއަމް

އެއްޗިހި އެއްކުރުން

މިއީ އެއްޗެއް ހަލާކުވެ، ބޭނުން ނުކުރެވޭ ވަރުވުމުންވެސް އެއެއްޗެއް އެއްލާލަން އުނދަގޫވާ މީހުންނެވެ. މި ޒާތުގެ އޯސީޑީ ހުންނަ މީހުން ދިރިއުޅޭ ތަންތަނުގައި ގިނަ އަދަދެއްގެ އެއްޗިހި ހުރެއެވެ. ކިތަންމެ ބޮޑުތަނެއްވެސް ފުރާ، ބާރުކޮށްލައެވެ.

އަލާމާތްތައް

  • ބޭނުމެއް ނެތް އެއްޗެއްވެސް އެއްލާނުލެވުން
  • ގަންނަ ލަދަށް، އެހެން މީހުން ގެއަށް ގެންނަން ބޭނުން ނުވުން
  • އާދައިގެ ކުދިކުދި ނިންމުންތައް ނިންމަން ދަތިވުން

އޯސީޑީއަކީ ނިމުމެއް ނެތް ބުރެއް ޖަހާ އުސޫލުން އެނބުރި އެނބުރި އޮންނަ ބަލިމަޑުކަމެކެވެ. އުނދަގޫ ކުރަނިވި ފިކުރުތަކުގެ ސަބަބުން ވަކި ގޮތަކަށް އަމަލުތައް ބެހެއްޓުމަށް މަޖުބޫރު ކުރުވައެވެ. އޯސީޑީއަކީ އަޅާނުލާ ދޫކޮށްލެވެން އޮތް ކަމެއް ނޫނެވެ. ނަމަވެސް، އެކަށީގެންވާ ސިއްހީ ފަރުވާ ދެވިއްޖެނަމަ، މިއީ ކޮންޓްރޯލް ކުރެވިދާނެ ތަކުލީފުތަކެކެވެ. މިއީ ބޭސްވެރިކަމާ ތެރަޕީގެ ޒަރިއްޔާއިންވެސް ފަރުވާ ބޭނުންވާ ނަފްސާނީ ބައްޔެއްކަން ގަބޫލުކުރަން ޖެހެއެވެ. ބޮޑެތި ބަލިތައް ފަދައިން ހާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ.

ލައިބީރިއާގައި ނަފްސާނީ ބަލީގެ މީހުންނަށް ހާއްސަކޮށްފައިވާ ހޮސްޕިޓަލެއްގައި ހުރި ޕޭޝަންޓެއް/ފޮޓޯ: ވާލްޑްބޭންކު

އޯސީޑީ ޕޭޝަންޓެއް ކަމަށް ކަނޑައަޅާނީ ނަފްސާނީ ބަލީގެ ހާއްސަ ޑޮކްޓަރުންނެވެ. މިއީ އެއްވެސް ހާލެއްގައި އެމީހެއްގެ ކިބާގައި ހުންނަ ސިފައަކުން އަމިއްލަ ކަނޑައެޅޭނެ ކަމެއް ނޫނެވެ. އަދި މިއީ ބައެއް ކަހަލަ ނޭދެވެ އަމަލުތަކަށް ކޮންމެ ކޮންމެ މީހަކަށް ދެއްކޭނެ އުޒުރެއްވެސް ނޫނެވެ.