ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާކު ހެދި "ޑީލްގެ" ސަބަބުން ރާއްޖެ ވަނީ ދަރަނިވެފައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއާއެކު ރައީސް ޔާމީންގެ ސަރުކާރުން "ޑީލް" ތަކެއް ހަދާފައިވާ ކަމަށާއި އޭގެ ސަބަބުން ރާއްޖެ ދަރަނިވެރިވެފައިވާ ކަމަށެވެ. އަދި ރާއްޖެ ދަރަނިވެފައިވާ މިދަނޑިވަޅުގައި އިދިކޮޅުން ކަންކަން އޮޅުންބޮޅުންވާ ގޮތަށް، މި ސަރުކާރުން ގައުމު ވިއްކާލަން އުޅޭ ކަމަށް ބުނެ ދޮގު ތުހުމަތުތައް އަޅުވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ މިހާރު އިދިކޮޅު ކޯލިޝަނުން، މި ސަރުކާރުން ރާއްޖެ ވިއްކާލާފައިވާ ކަމަށް ބުނެ އެ ފަރާތުގެ ބޮޑެތި ފާޑުކިޔުންތަކެއް ދައުލަތަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ސަރުކާރުން ގާތް ގުޅުމެއް ބާއްވަމުން ދަނީ އަވަށްޓެރި އިންޑިއާ ސަރުކާރާ އެކުގައެވެ. ނަމަވެސް ނިމިދިޔަ ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު ގާތްކަމެއް ބާއްވާފައި ވަނީ ޗައިނާއާ އެކުގައެވެ. އެ ގޮތުން މި ދިޔަ ސަރުކާރުން ފްލެޓް އެޅުމަށާއި ސިނަމާލެ ބްރިޖު އެޅުން ފަދަ އުމްރާނީ ގިނަ މަސައްކަތްތަކަށް ޗައިނާއިން ލޯނު ނަގާފައި ވެއެވެ.