ހުޅުމާލެ ޖަލުން އިތުރު 9 ގައިދީއަކާއި 5 ޑިޓެއިނީސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ބުނެފިއެވެ.
ކަރެކްޝަނުން ބުނީ އެ ސާވިސްގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދާ އިތުރު 9 ގައިދީއަކާއި 5 ޑިޓެއިނީސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާ ކަމަށެވެ. އެއީ މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވް ވެފައިވާ މީހުން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
އޭގެ ތެރޭގައި ހުޅުމާލެ ޖަލުންނާއި ޑިޓެންޝަން ސެންޓަރުގައި މަސައްކަތް ކުރާ 10 އޮފިސަރުން ކޮވިޑް-19 އަށް ޓެސްޓު ކުރިއެވެ. ނަމަވެސް 10 މީހުންގެ ސާމްޕަލް ވަނީ ނެގެޓިވެ ވެފައި ކަމަށާއި ގައިދީންގެ ތެރެއިން 41 ސާމްޕަލް ނަގާފައި ވާއިރު، ޕޮޒިޓިވްވީ 16 މީހެއް ކަމަށް ކަރެކލްޝަނުން މައުލޫމާތު ދެއެވެ. މިހާތަނަށް 19 ސާމްޕަލެއް ނެގެޓިވް ވެފައި ވާއިރު، 6 ސާމްޕަލެއްގެ ނަތީޖާ ނުލިބޭކަމަށް ކަރެކްޝަނުން ބުނެއެވެ.
މީގެ އިތުރުން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައި ތިބި ބިދޭސީންގެ ތެރެއިން މިހާތަނަށް ޖުމްލަ 31 ސާމްޕަލް ނަގާފައި ވާއިރު، މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 19 ބިދޭސީން ކަަމަށްވެސް ކަރެކްޝަނުން ބުނެއެވެ. އަދި 16 ސާމްޕަލެއްގެ ނަތީޖާ ލިބި ނެގެޓިވް ވެފައިވާއިރު، ނަތީޖާ ނުލިބި 5 ސާމްޕަލެއް ހުރި ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.
ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް ވައިރަސް ވަދެފައިވާ ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެފަރާތުން ކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެވެ. ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސާވިސްއިން ކަނޑައަޅާފައިވާއުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދު ކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ކަރެކްޝަނުން ބުނެފައި ވެއެވެ.
ހުޅުމާލެ ޖަލުން ކޮވިޑް ކޭސް ފެނިފައި ވާއިރު، ރާއްޖެއިން މިހާތަނަށް 7804 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 5155 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2615 އަށް ވަނީ އަރާފައެވެ.