އައްޑޫ ސިޓީގައި އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުންދާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި 40 އަހަރުގެ އަންހެނަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަމުންދިޔަ މައްސަލައެއް މިމަހުގެ 25 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މައްސަލަ އިތުރަށް ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.
އަންހެނަކު ބްލެކްމެއިލް ކުރުމުގެ މައްސަލައެއް ފުލުހުން ބަލަމުން އަންނައިރު، މި ފަހަކަށް އައިސް ކުޑަ ކުދިންނަށް ބިރުދައްކައި، ބްލެކްމެއިލް ކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތަކާއި އިންޓަނެޓްގެ ޒަރީއާއިން ކުޑަކުދިން ގްރޫމްކޮށްގެން ޖިންސީގޯނާ ކުރާ މައްސަލަތައް އިތުރުވަމުންދާތީ މައިންބަފައިންނާއި ބެލެނިވެރިން މިކަމަށް ސަމާލުވެތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ މައުލޫމާތު މީޑިއާތަކުގައި ޝާއިއުކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނާނޭގޮތަށް އެފަދަ މައްސަލަތަކުގެ މައުލޫމާތު ޝާއިއު ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.