ކޮވިޑް-19އާ ގުޅިގެން ކަރަންޓީން ވާން އަންގައިފައިވާ މީހަކު އެ އަމުރާ ހިލާފު ވެއްޖެނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހު ކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ކަރަންޓީނުގެ އުސޫލާ އެއްގޮތަށް ފަރުވާދިނުމަށް ހަމަޖެހިފައިވާ އުސޫލުން އެކަން ކުރަން ފެށުމުން އެކަމަށް އިހުތިރާމު ކޮށް އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލު ކުރުމަށް ނުވަތަ ގައިން ގަޔަށް އަރާ ބަލި ކޮންޓްރޯލު ކުރުމަށް ކުރެވެމުންދާ މަސައްކަތަށް އެއްބާރުލުން ދިނުމަކީ ކޮންމެ މީހަކުވެސް ކުރަން ޖެހޭ ކަމެެއް ކަމަށެވެ.
އެގޮތުން އެ މަސައްކަތަށް އެއްބާރުލުން ދިނުމެއް ނެތި ކަރަންޓީނުކޮށްގެން ފަރުވާދިނުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައިފިނަމަ އެކުރެވެނީ ގާނޫނީ ކުށެއް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.
އެގޮތުގެމަތިން އެކަހެރިވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެ ނަމަ 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ކަރަންޓީނުވުމަށް އަންގައިފައިވާ މީހަކު އޭނާއަށް އަންގައިފައިވާ އަމުރާ ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 2500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެޗްޕީއޭނެ އެ ގަވައިދިގައި ބުނެއެވެ.
އަދި ދެވަނަ ފަހަރު 3500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބުނެފައި ވާއިރު، ތިންވަނަ ފަހަރުން ފެށިގެން އަމުރާ ހިލާފުވާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގަވައިދުގައި ބުނެއެވެ.
އެ މާއްދާގެ ދަށުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި އެ ފިޔަވަޅުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ. އަދި ފުލުހުންގެ އިދާރާތައް ނެތް ރަށްތަކުގައި އެ ފިޔަވަޅުތައް ތަންފީޒުކުރާނީ ކައުންސިލުތަކުން ކަމުގައިވެސް އެ އިސްލާހުގައި ފާހަގަކޮށްފައިވެއެވެ.