ރ. މާމުނަގައު ރިސޯޓއިން ފުރައިގެން ރ. ކިނޮޅަހަށް ދެމީހުންނާއި އެކު ދަތުރުކުރި ޑިންގީ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޑިންގީ 12:13 ހާއިރު ރ.ކިނޮޅަހަށް ވައްދާފައިވާ ކަމަށް އުޅަނދުގެ ވެރިފަރާތް ކޯސްޓްގާޑަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ދެ މީހުންނާއެކު ދަތުރުކުރި 15 ފޫޓުގެ ޑިންގީއެއް ހަބަރެއް ނުވެގެން އެމްއެންޑީއެފް ނޯތަން އޭރިޔާ ކޯސްޑްގާޑު ސްކޯޓަން އިން ހަރަކާތްތެރިވެފައިވާއިރު ޑިންގީ ގެއްލިގެން ރިޕޯޓު ކޮށްފައި ވަނީ މިއަދު 10:45 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އަބަދުވެސް އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އެގޮތުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.