2 މީހުންނާއެކު ދަތުރުކުރި ޑީންގީއެއް ގެއްލިގެން ހޯދަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ރ. މާމުނަގައު ރިސޯޓއިން ފުރައިގެން ރ. ކިނޮޅަހަސް ދެ މީހުންނާއެކު ދަތުރުކުރި 15 ފޫޓުގެ ޑިންގީއެއް ހަބަރެއް ނުވެގެން އެމްއެންޑީއެފް ނޯތަން އޭރިޔާ ކޯސްޑްގާޑު ސްކޯޓަން އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯތު ލިބިފައިވަނީ މިއަދު 10:45 ގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން ކަނޑު ދަތުރުކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ސާފުކުރުމަށާއި ދަތުރު ކުރާ އުޅަނދުގައި ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކާއި ދިޔަ ހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

ހާއްސަގޮތެއްގައި މުދާ އުފުލާ އުޅަނދު ފަހަރު، އަތޮޅުތެރެއިން ރޭގަނޑު ދަތުރުކުރާ އިރު ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށަފައެވެ.

އަދި ލައިސަން ލުމުގައި ރަނގަޅަށް އައްސާފައި ބެހެއްޓުމަށާއި ފަޅުތެރެއާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަ ހިއްކުމަށް ސަމާލުކަން ދިނުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.