ރައީސް ވަހީދަކީ ގައުމުގެ ހައްގުގައި ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ވަހީދަކީ ގައުމުގެ ހައްގުގައި ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަން އެންމެ ރަނގަޅަށް އިނގޭނީ އެމްޑީޕީގެ ސަރުކާރަށް ކަމަށެވެ.
އެގޮތުން ވާދަވެރި ސިޔާސީ ހަރަކާތަށް ނިކުމެ ވަޑައިގެން މިއަދު ވެސް އެހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ. އަދި ޕީޕީއެމް/ ޕީއެންސީ ގެ ވަރުގަދަ ލަސްކަރުގައި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ އެހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރުދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި އަދި މާލޭސިޓީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެން ރައީސް ވަހީދު ފުލުހަށް ހާޒިރުވުމަށް އަންގަވާފައިވަނިކޮށެވެ.
ރައީސް ވަހީދު ފުލުހުން ހާޒިރުވުމަށް މިއަދު އަންގަވާފައިވާއިރު ފުލުހުން ރައީސް ވަހީދަށް އަންގާފައިވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ފުލުހަށް ހާޒިރު ވުމަށެވެ. އެގޮތުން މިއަދު ހަވީރު 04:00 އަށް ފުލުހަށް ހާޒިރުވުމަށް ރައީސް ވަހީދު ވަނީ ނިންމަވާފައެވެ.
މިދިޔަ ހުކުރު ދުވަހު ޕީޕީއެމް އިން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވި މުޒާހަރާއަކީ ގައުމުގެ ހަރު މުދާ ވިއްކުމާއި ދެކޮޅަށާއި ސައިކަލް ޖޫރިމަނާ އަދި ޒުވާނުންނަށް މި ސަރުކާރުން ކޮށްދޭން ވައުދުވީ ކަންކަން ކޮށްދީފައި ނުވާ ކަމަށް ބުނެ އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ބޭއްވި މުޒާހަރާއެކެވެ.