ދާއިމީގޮތުން ފަރުވާކުރާ ގައިންގަޔަށް ނާރާ ބޮޑެތި ބަލިތައް ހުންނަ މީހުންނާއި މާބަނޑު މީހުން ކޮވިޑް ޖެހުން އިތުރުވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލްގެ ގްރާފްތަކުން ދައްކައިފިއެވެ.

ރޭ ބޭއްވި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވަނީ ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ކޮވިޑް ޖެހުން އިތުރުވެފައިވާތީ، އެ ކޭސްތަކާ ގުޅޭ ގްރާފެއް ދައްކާލައްވާފައެވެ. މިފަދަ ފަރާތްތަކަކީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހުންނެވެ.

އެގޮތުން ޖުމްލަ 446 މީހަކު މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގްރާފުން ދައްކައެވެ.

ދާއިމީ ބަލިތަކަށް ފަރުވާ ކުރާ ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައި

އެގޮތުން ފުއްޕާމޭގެ ބަލިތައް ހުންނަ 62 ފަރާތާއި ލޭގެ ބަލިތައް ހުންނަ 11 ފަރާތާއި، ހިތުގެ ބަލިތައް ހުންނަ 110 ފަރާތްތަކުގެ އިތުރުން ހަކުރު ބަލި ހުންނަ 84 ފަރާތެއް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެއްވައްތަރަށްވުރެ ގިނަ ބަލިތައް ހުންނަ 88 ފަރާތެއް ޕޮޒިޓިވްވެފައިވާއިރު، އެއްވައްތަރަށްވުރެ ގިނަ ބަލިތައް ހުންނަ ފަރާތްތަކުގެ ތެރެއިން ހަކުރުބައްޔާއެކު އެހެން ބަލިތައް ހުންނަ 92 ފަރާތެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މާބަނޑު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ކޮވިޑް ޖެހިފައި

މީގެ އިތުރުން މާބަނޑު މީހުންނަށް ކޮވިޑް ޖެހޭ އަދަދު ވެސް އިތުރުވެފައިވާ ކަމަށް ޑރ. އަފްޒަލްގެ ގްރާފްތަކުން ދައްކާފައިވެއެވެ. ޑރ. އަފްޒަލް ވަނީ މިފަދަ މީހުންނަށް ބަލި ހިފައިގެން އަންނަނީ، ބޭރުން އަންނަ މީހުން ކަމަށެވެ. އަދި ނޭނގި ބަލި ގޭތެރޭގައި ފެތުރިގެން ދާތީ، ހައިރިސްކު މީހުންނަށް ބަލި ޖެހުން މަދު ކުރުމަށް ބޭރުގައި ނޫޅުމަށާއި، މާސްކު އެޅުމަށް އަދި ގައިދުރުކަން ބެހެއްޓުމަށް ޑރ. އަފްޒަލް އިލްތިމާސްކުރެއްވިއެވެ.