ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އާއިލީ ފަރާތަކާ ކޮންޓެކްޓް ވުމުގެ ސަބަބުން ހޯމް ކަރަންޓީން ވެގެން ހުންނެވި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުގެ ރިލީޒް ސާމްޕަލް ނަގައިފިއެވެ.

ޑރ. ނަޒްލާ ހޯމް ކަރަންޓީނުވެ ވަޑައިގެންނެވީ މިމަހު 14 ވަނަ ދުވަހެވެ. އެހެންކަމުން ހޯމް ކަރަންޓީނުގެ 14 ދުވަސް ފުރިހަމަ ކުރެއްވުމަށްފަހު އޭނާ ވަނީ މިއަދު އިރުއޮއްސުނު ވަގުތު ރިލީޒް ސާމްޕަލް ނަގާފައެވެ.

މިރޭ ބޭއްވި އެޗްއީއޯސީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މިއަދު ސާމްޕަލް ނަގާފައިވާ ކަމަށާއި، އަދި އެއީ ކިހާވަރެއްގެ އުދަނގޫ ކަމެއްކަން އިހުސާސް ކުރެވުނީ އަދި ކިރިޔާ ކަމަށެވެ.

ހޯމް ކަރަންޓީނުވެ ވަޑައިގެން ހުންނަވާ ވެސް ޑރ. ނަޒްލާ ގެންދަވަނީ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ގަވައިދުން ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ޑރ. ނަޒްލާ އަކީ އެޗްއީއޯސީގެ ތަރުޖަމާނަށް ވާއިރު އޭނާ ގެންދަވަނީ އެޗްއީއޯސީ އިން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަމުންނެވެ.

އެޗްއީއޯސީގެ އުސޫލު އޮންނަ ގޮތުން، ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވާ މީހުންގެ ތެރެއިން ވަގުތުން ޓެސްޓު ކުރަނީ ހައި ރިސްކު މީހުންނެވެ. އެއީ އުމުރުން ދުވަސްވީ މީހުން، ކުޑަކުދިން، އަދި ބޮޑެތި ބަލިތަކަށް ބޭސްކުރާ މީހުންނެވެ. ދެން ތިބި މީހުން ޓެސްޓު ކުރާނީ 14 ދުވަސް ހަމަވެ، ކަރަންޓީނުން ދޫކުރަން ވީމައެވެ. މިގޮތަށް ޓެސްޓު ކުރުމުގެ ތެރެއިން ގިނަ ބަޔަކު ޕޮޒިޓިވްކަން ދެނެގަނެވޭއިރު، އިތުރަށް ބަލި ފެތުރުމުގެ ފުރުސަތު ވެސް ކުޑަވެއެވެ.