ފްރަންޓްލައިނުންގެ ގޮތުގައި ބަލާ ފަތާރަތަކުގެ ތެރެއިން އެންމެ ގިނައިން ކޮވިޑް-19އަށް ޕޮޒިޓިވް ވެފައިވަނީ އެއާޕޯޓުގެ މުވައްޒަފުން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް މިހެން ވިދާޅުވީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައެވެ. ފްރޮންޓްލައިން ވޯކާސްގެ ތެރޭގައި ކޭސްތައް ފެންނަލެއް އިތުރުވެފައިވަނީ އެއީ އާބާދީގެ ވަރަށް ބޮޑު ބައެއް ކަމަށް ވާތީ ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މި ފަރާތްތަކުގެ މެދުގައި ބަލި ފެތުރެނީ ފަހަރެއްގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ރަނގަޅަށް ނޭޅި ފަރުވާ ކުޑަކޮށްލެވޭތީ ކަމަށް ވެދާނެ ކަމަށެވެ. އޭނާ ވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރައްވާފައެވެ.

އެންމެ ގިނަ ކޭސްތައް އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން ފެނިފައިވާއިރު، ދެވަނަ އަށް އެންމެ ގިނަ ކޭސް ފެނުނީ ސިއްހީ ހިދުމަތްތެރިންގެ ތެރެއިންނެވެ. އެއާ ޖެހިގެން އެންމެ ގިނަ ކޭސް ފެނިފައި ވަނީ ފުލުހުންނާއި ސިފައިންނެވެ.

ފްރޮންޓްލައިން ވޯކާސްގެ ތެރޭގައި ހިމެނެނީ، އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ކޯޓު އަދި ކަރެކްޝަނަލް ފެސިލިޓީތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ފަރާތްތަކާއި، ގޭސްގެ ހިދުމަތް ފޯރުކޮށްދޭ މީހުންނެވެ. އަދި ސިއްހީ ހިދުމަތްތެރިންނާއި، ސަލާމަތީ ބާރުތަކާއި، އެމްޓީސީސީ މުވައްޒަފުންނާއި، އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މުވައްޒަފުން، ޑަބްލިއުއެޗްއޯ، އެމްއާރްސީ ފަދަ ޖަމްއިއްޔާތަކުގެ އިތުރުން ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ފަރާތްތަކެވެ. މީގެ އިތުރުން، ސީޕޯޓް، ސްޓެލްކޯ، އެސްޓީއޯ، ވެމްކޯގެ އިތުރުން ފެނުގެ ހިދުމަތްދޭ ފަރާތްތައް ވެސް ބެލެވެނީ ފްރޮންޓްލައިން ވޯކާސްގެ ތެރޭގައެވެ.