މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 109 މީހަކު ޕޮޒިޓިވްވެ، 52 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ 109 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 52 މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7578 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 4925 އަށް އަރާފައެވެ.

މިއަދު މި ބައްޔަށް ޕޮޒިޓިވްވި 109 މީހުންގެ ތެރޭގައި ހިމެނެނީ، 80 ދިވެހިންނާއި ބަންގްލަދޭޝްގެ 24 މީހުންގެ އިތުރުން، އިންޑިއާގެ 2 މީހަކާއި ލަންކާ 2 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 106 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު 2 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

މިވަގުތު މިބަލި ޖެހިފައިވާ 2619 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 184 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1482 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.