ކޮވިޑް-19ގެ ސަބަބުން ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ހދ. ކުޅުދުއްފުށި މޮނިޓަރިންގެ ހަލަތަށް ގެނެސްފިއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ ކަށަވަރު ކޮށްދީފައެވެ. އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެރަށުން އިއްޔެ މާލެ ގެނަިއ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

މިގޮތަށް ޕޮޒިޓިވް ކޭސްތައް ފެންނަ ރަށްތައްް އެޗްޕީއޭއިން ދަނީ ވަގުތީ ގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަމުންނެވެ. އެރަށްތަކުން ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމި، ކޮންޓެކްޓުން ކަރަންޓީނު ކުރެވުމާއެކު އެރަށް މޮނިޓަރިންގެ ހާލަތުން ނަގައެވެ. އެގޮތުން މިހާރުން ވެސް މިފަދައިން ކޮންޓެކްޓް ޓްރޭސިން ހަދާ ނިމި، މޮނިޓަރިން އިން ނަގާފައިވާ ނަމަވެސް އެކްޓިވް ކޭސްތައް އުޅޭ 32 ރަށެއް ރާއްޖޭގައި އެބަހުއްޓެވެ،

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ކުރިނބި ށ. ޅައިމަގު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. އޭދަފުށީ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ގުރައިދޫ، އދ. މާމިގިލި، އދ. އޮމަދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ނިލަންދޫ، ފ. ބިލެއްދޫ، ފ. ދަރަންބޫދޫ، ދ. ރިނބިދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ތ. އޮމަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ، ދެއްވަދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫ އަދި މަރަދޫއެވެ.

މީގެ އިތުރުން ވެސް، 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 15 ފަތުރުވެރިންނާއި 19 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2568 މީހެކެވެ. އޭގެ ތެރެއިން 192 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1426 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7469 އަށް އަރާފައި ވާއިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4873 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.