ގދ. ތިނަދޫން މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ، ތިނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އަދި އެރަށް މޮނިޓަރިންއަށް ލާފައި ވަނީ އެރަށުން މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހަކު އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.

މިގޮތަށް ޕޮޒިޓިވް ކޭސްތައް ފެންނަ ރަށްތައްް އެޗްޕީއޭއިން ދަނީ ވަގުތީ ގޮތުން މޮނިޓަރިންގެ ހާލަތަށް ގެންނަމުންނެވެ. އެރަށްތަކުން ފެނުނު ކޭސްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދާ ނިމި، ކޮންޓެކްޓުން ކަރަންޓީނު ކުރެވުމާއެކު އެރަށް މޮނިޓަރިންގެ ހާލަތުން ނަގައެވެ. އެގޮތުން މިހާރުން ވެސް މިފަދައިން ކޮންޓެކްޓް ޓްރޭސިން ހަދާ ނިމި، މޮނިޓަރިން އިން ނަގާފައިވާ ނަމަވެސް އެކްޓިވް ކޭސްތައް އުޅޭ 32 ރަށެއް ރާއްޖޭގައި އެބަހުއްޓެވެ،

އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ކުރިނބި ށ. ޅައިމަގު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. އޭދަފުށީ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ގުރައިދޫ، އދ. މާމިގިލި، އދ. އޮމަދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ނިލަންދޫ، ފ. ބިލެއްދޫ، ފ. ދަރަންބޫދޫ، ދ. ރިނބިދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ތ. އޮމަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ، ދެއްވަދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫ އަދި މަރަދޫއެވެ.

މީގެ އިތުރުން ވެސް، 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 15 ފަތުރުވެރިންނާއި 19 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.

‏މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2568 މީހެކެވެ. އޭގެ ތެރެއިން 192 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1426 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7469 އަށް އަރާފައި ވާއިރު މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4873 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ.