2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ލޭ އޮހޮރުވުމަކަށް ނުދިޔައީ ބަޑި ގުދަން ނުހުޅުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒާ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެގެ މުޒާހަރާގައި ލޭ އޮހޮރުވާ ވާހަކަ ދެއްކެވުމުން ހައިރާންވެ ވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން 7 ފެބްރުއަރީގައި ލޭ އޮހޮރުވުމަކަށް ނުދިޔައީ އެމަނިކުފާނު ބަޑި ގުދަން ނުހުޅުވުމުން ކަމަށާއި އަދި ހަތިޔާރު ނަގަން ވެސް ހުއްދަ ނުދެއްވުމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރާއްޖޭގެ މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަންނަން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ލޭ އޮހޮރާލައިގެން ވެސް ރާއްޖެ ސަލާމަތް ކުރުމަށް ރައްޔިތުން އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް ވިދާޅުވެ އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި ވިދާޅުވެފައި ވާތީއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ވެރި ކަމަށް ވަރަށް ބޮޑު ލޮޅުމެއް އައި ކަމަށާއި އެއީ ޑިމަކްރަސީގެ ގޮތުން ކަންތައް ހިނގާ ދިޔަ ގޮތް ކަމަށް ރައީސް ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި އެ މައްސަލައިގައި އިތުރައް ބަލަން ޖެހޭ ކަމެއް ނޯންނާނެ ކަމަށްވެސް ރައީސް ވަހީދު ވަނީ ވިދާޅުވެފައެވެ.
2008 ވަނަ އަހަރު އުފެދުނު އިއްތިހާދުގެ ސަރުކާރުގައި ރައީސް ނަޝީދުގެ ނައިބު ރައީސް އަކަށް ހުންނެވީ ރައީސް ވަހީދު ކަމަށް ވާއިރު 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން ރައީސް ވަހީދު ވަނީ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލު ވެގެން ދިޔައީ ފެބްރުއަރީ 7 ގައި އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކާއި ފުލުހުންނާއި ސިފައިންގެ ތެރެއިން ވެސް ބަޔަކު ސަރުކާރާ ދެކޮޅަށް ނުކުމެ، ހިނގި ހަމަނުޖެހުން ތަކަށް ފަހު ރައީސްގެ މަގާމުން ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުންނެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ބުނާ ބުނުން އަދިވެސް ގެންދަނީ ތަކުރާރު ކުރަމުންނެވެ. އެކަމަކު ވެރިކަން ބަދަލުވި ގޮތް ބަލަން އެކުލަވާލި ރިޔާސީ ކޮމިޝަނުން ނިންމީ، ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރު ދެއްކުމެއް ނެތި އަމިއްލަފުޅަށް ކަމަށެވެ.