ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އަލިފާންގަނޑު ފެތުރުން ކޮންޓްރޯލު ކޮށްފައިވާއިރު މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.އަދި އެސަރަހައްދުގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އަދިވެސް އެސަރަހައްދުގައި ފަޔާ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފް ފަޔާ ޓީމުގެ އިތުރުން މިހާރު އެސަރަހައްދުގައި އެއާޕޯޓް ފަޔާ ޓީމުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.
އެޗްޕީއޭ އިން ވަނީ އާންމުން ދުމުގެ އަސަރުކުރާ ސަރަހައްދަށް ނުދިއުމަށް ވެސް އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަހައްދުގައި އުޅޭ މީހުން ވެސް ކުޑަދޮރުތައް ލެއްޕުމަށް އިލްތިމާސްކުރެއެވެ.