ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތްކުރާ ފްރަންޓްލައިން މުވައްޒަފުންގެ އެކޮމޮޑޭޝަން ހަމަޖައްސައިދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެކޮމޮޑޭޝަން ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 30 އިން ފެށިގެން އަންނަ މަހުގެ ހަތެއްގެ ކުރިން މައުލޫމާތު ކަރުދާސް ހުށަހެޅުުމަށް ވަނީ ހުޅުވާލައިފައި ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 13:00 ގައި ދަރުބާރުގެ ގައި ކަމަށް ވެސް އެފަރާތުން ބުނެއެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެޗްއީއޯސީގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެކޮމޮޑޭޝަނަށް ހޯދާ ތަންތަނުގައި ސިންގަލްރޫމް ދުވާލަކަށް 500 ރުފިޔާ ކަމަށާއި އަދި ސިންގަލް ރޫމް ލޯންޑްރީ އާއެކު ނަގާނަމަ ދުވާލަކަށް 630 ރުފިޔާ ކަމަށެވެ. ފުލްބޯޑު ނަމަ ދުވާލަކަށް 750 ރުފިޔާ، ފުލްބޯޑު ޝެއަރިން ނަމަ ދުވާލަކަށް 900 ރުފިޔާ ކަމަށް ހެލްތުން ބުނެއެވެ. އަދި ކޮޓަރިއަކަށް ކޮންމެ ދުވަހަކު 1.5 ލީޓަރުގެ ދެ ފެންފުޅި ފޯރުކޮށްދެން ވާނެ ކަމަށް ވެސް އެ އިއުލާންގައި ބުނެއެވެ.

އެކޮމޮޑޭޝަން ހަމަޖައްސައި ދިނުމަށް ޝައުގުވެރިވާ ފަރާތުން ހުށަހަޅާއިރު ހެނދުނާއި ރޭގަނޑު އަދި މެންދުރުގެ ކެއުން އެ ހޮޓެލް ނުވަތަ ގެސްޓްހައުސުން ފޯރުކޮށްދޭ ނަމަ، ކެއުން ދެވޭނެ އަގާއި ދުވާލަކަށް ބޮލަކަށް ނަގާނެ ރޭޓް އެނގެން އޮންނަން ވާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ކޮޓަރީގައި ތިބޭ މުވައްޒަފުންނަށް ތުވާލި، ބެޑްޝީޓް، ބާލީސްއުރަ ފަދަ ތަކެތި ފޯރުކޮށްދޭނީ ހޮޓަލުން ކަމަށާއި އަދި މިގޮތަށް ކޮޓަރީގެ ތުވާލި، ބެޑްޝީޓް، ބާލީސްއުރަ ފަދަ ތަކެތި މަދުވެގެން ހަފްތާއަކު އެއް ފަހަރު ބަދަލުކޮށްދޭންވާނެ ކަމަށް ވެސް ބުނެއެވެ. އަދި ކޮޓަރީގައި މުވައްޒަފުން ތިބޭ މުއްދަތުގައި ކޮޓަރިތައް ހަފްތާއަކު މަދުވެގެން ދެ ފަހަރު ކުނިކަހާ ސާފުކޮށްދޭންވާނެ ކަމަށާއި ކޮޓަރިތަކުގެ ފާހާނާތައްވެސް ސާފުކޮށްދޭންވާނެ ކަމަށް ހެލްތުން ބުނެއެވެ.

އެޗްއީއޯސީގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ފޯރުކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދޭން ނިންމާފައިވަނީ އެންމެ ގިނަ ކޮޓަރި ހުށަހަޅާ ފަރާތަކަށް ގިނަ ޕޮއިންޓް ލިބޭގޮތަށް ކަަމަށް ހެލްތުން ބުނެއެވެ.

އެޗްއީއޯސީގެ ފްރަންޓްލައިންގެ މުވައްޒަފުންނަށް އެކޮމޮޑޭޝަން ހޯޑަން އިއުލާން ކޮށްފައި މިވަނީ މިހާރު ކޮވިޑް ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާ ދަނަޑިވަލޭއްގައެވެ. މީގެ ކުރިންވެސް ރާއްޖޭގައި ކޮވިޑް ފެތުރުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތަށް ގެންދިއަ އިރު ފްރަންޓްލައިންގެ މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ އެކޮމޮޑޭޝަން ހަމަޖައްސާފައެވެ.