ކޮވިޑް-19 އަށް ޕޮޒިޓިވްވާ ބަލިމީހުންނަށް ފަރުވާދިނުމަށް ގާއިމްކޮށްފައިވާ އެނދުތައް އޮކިއުޕައިވަމުންދާ މިންވަރު އިތުރުވަމުން ގޮސް، މިއަދު ވެސް 180 މީހުން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ނަންބަރުތަކުން ދައްކައިފިއެވެ.
މިއަދު އެޗްޕީއޭއިން ނެރުނު ނަންބަރުތަކުގައި 180 މީހުން ހޮސްޕިޓަލުގައި ތިބި ކަމަށް ބުނެފައިވާއިރު، ފާއިތުވެ ހަފްތާތެރޭގައި، ޓްކނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޑޮކްޓަރުންނާއި އެޗްޕީއޭގެ ކޮންސަލްޓަންޓުގެ އިތުރުން ސިއްހީ ގިނަ މާހިރުންތަކެއް ވަނީ، މާލެ ސަރަހައްދުގައި ގާއިމްކޮށްފައިވާ އެނދުތަކުގެ ކެޕޭސިޓީ ފުލްވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
އެގޮތުން އެންމެފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކުގެ އެނގޭ ގޮތުގައި މާލެ ސަރަހައްދުގެ ފަންކްޝަނަލް ބެޑްސްގެ ގޮތުގައި ހުރީ 300 އެއްހާ އެނދެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ 250 އައިސޮލޭޝަން ބެޑާއި، 11 އައިސީޔޫ ބެޑްގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ 10 އައިސީޔޫ ބެޑާއި 16 ވަނަ ފަންގިފިލާގެ 6 އައިސޮލޭޝަން ބެޑެވެ.
ހަމައެއާއެކު، ބެޑް ކެޕޭސިޓީ ދަށްވުމުގެ ސަބަބުން، ކުރިން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ގެންގުޅުނު ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އައިސޮލޭޝަން ފެސިލިޓީއެއް ގޮތުގައި ވަނީ ނަގާފައެވެ. އެތަން ބޭނުންކުރަން ފަށާފައިވާއިރު، އެތަނުގައި ބައިތިއްބަނީ ހައިރިސްކު ނަމަވެސް ސްޓޭބަލް ބަލި މީހުން ކަމަށް ޓެގް ޓީމުން ވަނީ ބުނެފައެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އެނދުތައް ހުސްކުރަން ބައެއް މީހުން އެޗްއައިއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގާތުން މޮނިޓާ ކުރަން ޖެހޭ އަދި ބޮޑަށް ބަލިވާ މީހުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރެވޭނެހެން މިހާރު ޖާގަ ހަދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަތޮޅުތެރޭގެ ބެޑް ކެޕޭސިޓީއަށް ބަލާލާއިރު، ހއ. އިހަވަންދޫ ފެސިލިޓީގައި 3 އައިސީޔޫ ބެޑް ހުރިއިރު، ފުވައްމުލަކު ފެސިލިޓީގައި 3 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. މި ދެ ފެސިލިޓީއަކީ ޓްރާންސިޓް ފެސިލިޓީތަކެެވެ.
ރީޖަނަލް ކޮވިޑް ފެސިލިޓީތަކަށް ބަލާލާއިރު، ށ. ފުނަދޫ ފެސިލިޓީގައި 30 އައިސީޔޫ ބެޑާއި 37 އައިސޮލޭޝަން ބެޑް ހުރިއިރު، ބ. އޭދަފުށި ފެސިލިޓީގައި 20 އައިސީޔޫ ބެޑާއި 25 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. އަދި ލ ގަން ފެސިލިޓީގައި 15 އައިސީޔޫ ބެޑާއި، 13 އައިސޮލޭޝަން ބެޑް ހުރިއިރު، ގއ. ވިލިނގިލި ފެސިލިޓީގައި 18 އައިސީޔޫ ބެޑާއި 5 އައިސޮލޭޝަން ބެޑްގެ އިތުރުން އައްޑޫ ފެސިލިޓީގައި 23 އައިސީޔޫ ބެޑާއި 20 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ.
އަލީވަހީދުމެން ބޮޑު ކެޕޭސިޓީ ހެދީ ގަބުރުސްތާނުގަ
ގޫޑް އޮ ކިއުޕެންސީ، ތިޔަ ކަމުދަނީ.