ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައި އިމާރާތް ކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި ފްލެޓް ތަކަށް ކުރިމަތިލުމުގެ ފުރުސަތު ފުވައްމުލައް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ، އެ ސިޓީގައި އިމާރާތްކޮށްފައިވާ 200 ފްލެޓުގެ ތެރެއިން ދެ ކެޓެގަރީއަކުން ޖުމްލަ 47 ފްލެޓް އެބަހުރި ކަމަށެވެ. އެހެންކަމުން އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި ފްލެޓް ތަކަށް އެދި ފޯމު ހުށަހެޅޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އޭ ކެޓެގަރީގެ 40 ފްލެޓަށާއި، ބީ ކެޓެގަރީގެ 7 ފްލެޓަށެވެ. އޭ ކެޓަގަރީއަކީ ފުވައްމުލަކު ރައްޔިތުންނަށް ހާއްސަ ކެޓަގަރީއެވެ. ބީ ކެޓަގަރީއަކީ ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީއެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ، މީގެ ކުރިން މިި ފްލެޓްތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބިފައި ނުވާ ފަރާތްތަކުގެ ފޯމުތައް މި ފުރުސަތުގައި ހިމެނުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ ކަމަށެވެ. އެގޮތުން، އެފަދަ ފަރާތްތަކުން ސިޓީއަކުން އެކަން ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. ހަމައެއާޢެކު މިފަދަ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ، ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާ ނަމަ އަލުން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން އެ ކައުންސިލުން ބުނީ، ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއާށްދާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ކައުންސިލުގެ ލޭންޑް ސެކްޝަނުން ކަމަށެވެ. ކައުންސިލުގެ ލޭންޑް ސެކްޝަން ހުނަންނީ ކުރީގެ ރަށު ކައުންސިލްތަކުގެ އިދާރާގައެވެ.