ހުޅުމާލެ ޖަލުން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.

ކަރެކްޝަނުން ބުނީ އެ ސާވިސްގެ ހުޅުމާލެ އެ ސާވިސްގެ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ފުރުވާލެވެންދެން ބޭތިއްބިފައިވާ ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކާއި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވާކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް ކޮވިޑް ވައިރަސް ވަދެފައިވާ ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެފަރާތުން ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. މިހާތަނަށް ޖުމްލަ 10 އޮފިސަރުންނާއި 02 ނަރުހުންގެ އިތުރުން 19 ޑިޓެއިނީންނާއި އެއް ގައިދީގެ ސާމްޕަލް ނެގިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ހާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސާވިސްއިން ކަނޑައަޅާފައިވާއުސޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދު ކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.

ހުޅުމާލެ ޖަލުން ކޮވިޑް ކޭސް ފެނިފައި ވާއިރު، ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 7225 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 4561 އަށް އަރާފައެވެ. މިވަގުތު މިބަލި ޖެހިފައިވާ 2636 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1458 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.