2019 ވަނަ އަހަރު 18 އަހަރުން ދަށުގެ ގާނޫނާ ހިލާފުވެގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅުނު މައްސަލަ 2018 އަހަރާއި އަޅާބަލާއިރު 11.9 ޕަސަންޓު ހުށައެޅުނު މައްސަލަ މަދު ކަމަށް ހޯމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ހޯމް މިނިސްޓްރީން ބުނީ 2017 ވަނަ އަހަރުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅޭ މައްސަލަތަކުގެ އަދަދު ދަށްވަމުންދާ ކަމަށެވެ. ނަމަވެސް ހުށަހެޅޭ މައްސަލަތަކުގައި ކުދިންނާއި އާއިލާތަކަށް ދިމާވާ އިޖުތިމާއީ، އިގުތިސާދީ، ނަފްސާނީ އަދި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ގިނަކަން ފާހަގަކުރެވޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 2018 ވަނަ އަހަރާ އަޅާބަލާއިރު އަލަށް ކުށްކޮށްގެން ހުށަހެޅޭ ކުދިންގެ އަދަދު މަދު ނަމަވެސް 2019 ވަނަ އަހަރު ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން 2019 ވަނަ އަހަރު ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ ދެ ޖިންސުގެ ކުދިންނަށް ބަލާއިރު 93 ޕަސަންޓަކީ ފިރިހެން ކުދިންނެވެ. އަދި 67 ޕަސަންޓަކީ އަންހެން ކުދިންނެވެ.

އަންހެން ކުދިންގެ މައްސަލަތައް ނިސްބަތުން މަދުނަމަވެސް ފިރިހެން ކުދިންނާ އަޅާބަލާއިރު އަންހެން ކުދިންގެ ރައްކާތެރިކަމާ ގުޅުންހުރި ކަންބޮޑުވާ ތަފާތު މައްސަލަތަށް ކުރިމަތިވާކަން ފާހަގަކުރެވޭ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އަދި ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފިރިހެން ކުދިން ކުށްކުރާ ނިސްބަތް އިތުރުވެފައިވާ ކަމަށާއި އެންމެ ބޮޑެތި ކުށްތަކުގައިވެސް ޝާމިލުވެފައި ވަނީ ފިރިހެން ކުދިން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

އުމުރު ފުރާއަށް ބަލާއިރު ނިސްބަތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ އުމުރުން 16 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިންގެ މައްސަލަތަކެވެ. 2010 ން 2019 ވަނަ އަހަރުގެ ނިޔަލަށް ބަލާއިރު، އުމުރުން 15 އަހަރުގެ ކުދިން ކުށުގެ ވެއްޓަށް ހުށަހެޅެމުންދާ އަދަދު އިތުރުވަމުން އަންނަކަން ފާހަގަވެއެވެ. އަދި އެ އަދަދު 2015 އާއި 2016 ގައި ދެ ގުނައަށް އިތުރުވެފައި ވެއެވެ.

2019 ގައި ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ސްކޫލަށް ދިއުން ހުއްޓާލާފައިވާ ކުދިންނެއެވެ. އެއީ ހުށަހެޅިފައިވާ މައްސަލަތަކުގައި ހިމެނޭ 44 ޕަސަންޓު ކުދިންނެވެ. އަދި 10 ޕަސަންޓު ކުދިންނަކީ ސްކޫލުގައި އުޅޭކުދިންނެވެ. 33 ޕަސަންޓު ކުދިންނަކީ ސާނަވީ ފުރަތަމަ މަރުހަލާ ނިންމާފައިވާ ކުދިންނެވެ. އެކި ސަބަބުތަކާ ހުރެ ސްކޫލަށް ނުދާ ނުވަތަ ކިޔެވުން ހުއްޓާލާފައިވާކަން ފާހަގަކުރެވެނީ 133 ކުދިންނެވެ.

އެގޮތުން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ޕްރައިމަރީ ގްރޭޑްތަކުގެ ތެރޭގައި، ގުރޭޑު 4،5،6،7 ހިމެނެއެވެ. އަދި ސާނަވީ އާއި މަތީ ސާނަވީ ގްރޭޑް ތަކުންވެސް ފާހަގަކުރެވެއެވެ. އެންމެ ގިނައިން ސްކޫލަށް ދިއުން ހުއްޓާލާފައިވާ ގުރޭޑްތަކުގެ ގޮތުގައި ފާހަގަވެފައިވަނީ ގުރޭޑު 5 އާއި 10 އެވެ.

ކުދިން ސްކޫލަށް ދިއުން ހުއްޓާލާ ނުވަތަ ކިޔެވުން މެދުކަނޑާލާ ސަބަބުތަކުގެ ތެރޭގައި ކުދިންނާއި އާއިލާތައް ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ކުށުގެވެށީގައި އުޅޭ ރައްޓެހިންނާ އެކު އުޅުމާއި، އުމުރުން ދޮށީ މީހުންނާއެކު ބޭރުތެރޭގައި ވަގުތުތައް ހޭދަކުރަން ދިއުމާއި، ސްކޫލުގައި ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކިޔަވަން ދާ ހިތްނުވުމާއި، އަހުލާގީ މައްސަލަތަކާގުޅިގެން ސްކޫލުން އަޅާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހުންފަދަ މައްސަލަތައް ހިމެނެއެވެ.

2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު 39 ޕަސަންޓު ކުދިން ނިސްބަތްވަނީ ރޫޅިފައިވާ (ދެމަފިރިންވަކިވެފައިވާ) އާއިލާ ތަކަށެވެ. އަދި 3 ކުދިން ނިސްބަތްވަނީ ގުޅިފައިވާ (ދެމަފިރިން އެކީގައި ދިރިއުޅެމުންދާ ޢާއިލާތަކަށްނިސްބަތްވާ ކުދިން) އާއިލާ ތަކަށެވެ. އަދި ޝަރުއީ ބައްޕަ ނެތް ކުދިންނާއި މަންމަ ނުވަތަ ބައްޕަ ނުވަތަ ދެމީހުން ނިޔާވެފައިވާ ކުދިން އިތުރަށް ނިކަމެތިވެ ކުށުގެ ވެއްޓަށް ވަންނަން ފުރުސަތު ބޮޑުވެގެންދާކަން ތަފާސް ހިސާބުތަކުން ވަނީ ފަހަގަކޮށްފައެވެ.

ވޭތުވެދިޔަ 8 އަހަރުގެ (2011 ން 2018އަށް) ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ގާނޫނާ ހިލާފުވާ ކުޑަކުދިންގެ އާބާދީގެ އެންމެބޮޑު ބައި ނިސްބަތްވަނީ ގުޅިފައިވާ އާއިލާތަކަށެވެ. ނަމަވެސް 2019 އަހަރުގެ ތަފާސްހިސާބުތަކުން ދެއްކީ ގާނޫނާ ހިލާފުވާ އެންމެ ގިނަ ކުދިން ނިސްބަތްވަނީ ރޫޅިފައިވާ އާއިލާތަކަށެވެ.

2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެ ގޮތުން މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އަތުގައި ބެހެއްޓުމާއި، މަސްތުވާތަކެތި އެތެރެކުރުމާއި ވިއްކުމާއި، ބަނގުރާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުން ފަދަމަސްތުވާތަކެއްޗާ ގުޅޭ 119 މައްސަލަ ހުށަހެޅިފައި ވެއެވެ.

އެއީ ހުށަހެޅުނު މައްސަލަތަކުގެ 35 ޕަސަންޓެވެ. މައްސަލަތަކުގެ ތެރޭގައި ހިމެނޭ ފިރިހެންކުދިން ކުރާ ކުށްތަކުގެ ބާވަތްތަކަށް ބަލާއިރު، 2019 ވަނަ އަހަރު އެންމެ ގިނައިން ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި، ވައްކަންކުރުމާއި، މާރާމާރީގެ މައްސަލަތަކެވެ. އަދި އަންހެން ކުދިންގެ ފަރާތުން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.

ބޮޑެތި ނުވަތަ އަނިޔާވެރިކަން ހިމެނޭ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުމަށް ބަލާއިރު 2019 އަހަރު ތޫނު ހަތިޔާރު ގެންގުޅުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ 7 މައްސަލަ ހުށަހެޅިފައިވެއެވެ. ވޭތުވެ ދިޔަ 8 އަހަރަށް ބަލާއިރު އެންމެ ގިނައިން ހުށަހެޅިފައިވަނީ މާރާމާރީގެ މައްސަލަތަކެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރު 18 އަހަރުން ދަށުގެ ކުދިން ހިމެނޭ ބޮޑެތި ނުވަތަ އަނިޔާވެރި އަމަލު ހިމެނޭ މައްސަލަތައް ވަރަށް ބޮޑުތަން މަދު ވެފައިވާކަން ފާހަގަވެއެވެ. އެހެންނަމަވެސް މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުން އަދި އެތަކެތީގެ ވިޔަފާރިކުރުމާއި އަތުގައި ބެހެއްޓުންވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އޭގެ އިތުރުން ވޭތުވެދިޔަ 8 އަހަރު ތެރޭގައި ވައްކަން ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު އެންމެ ގިނައިން މައްސަލަ ހުށަހެޅިފައިވަނީ އަތޮޅުތަކުންނެވެ. އެގޮތުން 52 ޕަސަންޓު ކުދިންގެ މައްސަލަތައް ހުށަހެޅިފައިވަނީ އަތޮޅުތަކުންނެވެ. މާލެ ފިޔަވައި އަތޮޅުތެރެއިން އެންމެ ގިނައިން މައްސަލަ ހުށައެޅި އަތޮޅުތަކަށް ބަލާއިރު އަދި ގދ ހިމެނެއެވެ.