ވެންޓިލޭޓަރުތައް ނުލިބިއްޖެނަމަ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު އެހެން ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން މިހާރު ކުރިއަށްދާ ބައްދަލުވުމުގެ ތެރެއިންނެވެ.
އަމީރު ވިދާޅުވީ ވެންޓިލޭޓަރުތައް ލިބުމަކީ ކޮވިޑް-19ގެ ގޮސް ހާލަތަކަށް ސިއްހީ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިވަގުތު ދެކެވެމުންދާ 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަކީވެސް ހިންގަމުންދާ ކޮންޓެރެކްޓަކެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފައެވެ.
އަމީރު އިތުރަށް ވިދާޅުވީ މައްސަލަތަކެއް ފެންމަތިވެގެން އުޅުނު ނަމަވެސް ހެލްތު މިނިސްޓްރީން އެތަކެތި ލިބޭތީ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެތަކެތި ނުލިއްބިއްޖެނަމަ އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
މިއަދުގެ އެބައްދަލުވުމުގައި އަމީރު ވަނީ ވެންޓިލޭޓަރުގެ ކޭސްގައި ފިނޭންސް މިނިސްޓްރީން ކަންތައްތައް ކޮށްފައިވާނީ މާލިއްޔަތު ގަވައިދަށް ރިއާޔަތްކޮށް، ހާޔަލަށް ބަލައި ކުރަންޖެހޭ ހަރަދުތައް ކޮށްގެން، ދައުލަތުން ސިއްހީ ރައްކާތެރިކަމަށް ހޯދަން ޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށް ކަމަށް ވިދާޅުވެފައެވެ.
މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގަވައިދުގެ ތެރެއިން ވީ އެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް ފާހަގަކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ.
ވެންޓިލޭޓަރުތަކުގެ އަގުން 90 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.