ވެންޓިލެޓަރުތައް ހޯދުމުގައި މިނިސްޓްރީން މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގައިވައިދުގެ ތެރެއިން ވީއެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޮރުކޮށްދިނުމަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު އެހެން ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތްއިން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސްގެ ބޭފުޅުންނާ ބައްދަލުކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއިން ބޭއްވިބައްދަލުވުމުގައެވެ.‏

އެގޮތުން އަމީރު ވިދާޅުވީ ވެންޓިލޭޓަރުގެ ކޭސްގައި ފިނޭންސް މިނިސްޓްރީން ކަންތައްތައް ކޮށްފައިވާނީ މާލިއްޔަތު ގަވައިދަށް ރިއާޔަތްކޮށް، ހާޔަލަށް ބަލައި ކުރަންޖެހޭ ހަރަދުތައް ކޮށްގެން، ދައުލަތުން ސިއްހީ ރައްކާތެރިކަމަށް ހޯދަން ޖެހޭ ތަކެތި ހޯދުމަށް މަގުފަހިކުރުމަށް ކަމަށެވެ.‏

އޭގެ އިތުރުން މަސައްކަތް ކޮށްފައިވާނީ ގާނޫނާ ގަވައިދުގެ ތެރެއިން ވީ އެންމެ އަވަހަކަށް، ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.‏

ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ ގެނައުމަށް ހަވާލުކުރި އިރު ސަރުކާރުން ވަނީ މިކަމަށް 30 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެ ވެންޓިލޭޓަރުތަކުގެ ޖުމްލަ އަގަކީ 34 މިލިއަން ރުފިޔާއެވެ.‏

ވެންޓިލޭޓަރުތަކުގެ އަގުން 90 ޕަސަންޓު ފައިސާ ދައްކާފައިވީ ނަމަވެސް މިހާތަނަށް ރާއްޖެ ގެނެސްފައި ވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް، ރާއްޖެ ގެނައި 10 ވެންޓިލޭޓަރު ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭތީ އެ ތަކެތި މިހާތަނަށް މިނިސްޓްރީން ބަލައިގެންފައި ނުވާ ކަމަށް މައުލޫމާތު ލިބެއެވެ.