ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ކެމްޕޭނެއް ހިންގަން ނިންމައިފިއެވެ.

އެޑިޓަރުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެޑިޓަރުން ގުޅިގެން "ހާއްސަ ކެމްޕޭން" ހިންގަން ނިންމީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަކޮށް އެ މަގަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރު ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ އެ ކެމްޕޭނުގެ އަމާޒު ކަމަށް އެޑިޓަރުން ބުނެއެވެ.

ކޮވިޑާ ގުޅޭ ގޮތުން ކުރިއަށް ގެންދާ މި ކެމްޕޭންގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ އިސް ބޭފުޅުންނާއެކު ބައެއް މީޑިއާތަކުގެ އެޑިޓަރުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. މިއަދު ބޭއްވި މަޝްވަރާތަކުގެ އަލީގައި އެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލައިފައެވެ.

އަދި މި ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިން ކަމަށް އެޑިޓަރުން ބުނެއެވެ. އެޑިޓަރުން ގުޅިގެން މިފަދަ މަސައްކަތެއް ކުރަން އިސްނަގާފައި ވާއިރު ރާއްޖެގައި އެޑިޓަރުންނަށް ބައިވެރި ވެވޭ ގޮތަށް "އެޑިޓާސް ގިލްޑް" ގެ ނަމުގައި ޖަމްއިއްޔާއެއް ވެސް ވަނީ ރަޖިސްޓާ ކޮށްފައެވެ.