މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމަށް ކުރަމުންގެންދާ މައްސައްކަތްތަކުގެ ތެރެއިން ރިހެބިލިޓޭޝަން ފްރޭމްވާކްގެ ފޭސް 1 ގެ 14 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފިއެވެ.

ފްރޭމްވާކްގެ ފޭސް 1 ގެ އެ ބެޗްގައި 50 ގައިދީން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކަރެކްޝަނުން ބުނީ ހަތަރު ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވަކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެ ވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުމެވެ.

މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވާކް ރާވާ ހިންގާއިރު، އެފްރޭމްވާކްގައި ހިންގާ އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ކޯސްތަކުގައި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ގެ މުދައްރިބުންނާއި މާފުށީ ޖަލުގެ އޮފިސަރުންނެވެ. އަދި އެ މަރުހަލާގައި ކުރިއަށްގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ.