ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ކޮވިޑް-19 އޮބަޒަވޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. އަހްމަދު ޝަހީދެވެ. އޭނާ ވިދާޅުވީ، ކޮވިޑް-19 އަށް ޕޮޒިޓިވްވާ އެންމެން ވެސް ފެސިލިޓީ ބޭސް އައިސޮލޭޝަނަށް ގެންދިއުމަށް އަދިވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ގޭގައި އައިސޮލޭޓް ވާން ޖެހިދާނެ ހާލަތަށް ގޮސްދާނެތީ އެކަމަށް ތައްޔާރު ވަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝަހީދު ވިދާޅުވީ މިހާރުވެސް ބައެއް މީހުންނަށް ގޭގައި އައިސޮލޭޓް ވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އެގޮތަށް ތިބޭއިރު، ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތެއް މެދުވެރިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު، ކުޑަވަގުތުކޮޅަކު އޮބްޒަވޭޝަނަށް ބާއްވާލެވޭނެ ފެސިލިޓީއެއްވެސް ހުންނަން ޖެހޭ ކަމަށެވެ.

އެހެންކަމުން ހިރިޔާ ސްކޫލާއި، ތާޖުއްދީން ސްކޫލުގައި މިފަދަ ފެސިލިޓީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ޝަހީދު ވިދާޅުވީ، މިހާރު ބެޑް ކެޕޭސިޓީގެ 68 ޕަސަންޓު ފުލްވެފައިވާ ކަމަށެވެ. ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު، އިތުރު ރިސޯޓުތައް ވެސް ވަނީ އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަން ލިބިފައެވެ. އަދި މާލެއިން އިތުރު ގެސްޓްހައުސްތައް ވެސް ބޭނުންކުރަން ލިބޭތޯ ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު، 7047 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 4439 މީހަކު ބަލިން ރަނގަޅުވެ، 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދަނީ 2580 މީހެކެވެ. އޭގެ ތެރެއިން 1460 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 173 މީހަކު ވަނީ ހޮސްޕިޓަލުގައެވެ.