ކޮވިޑް-19 ބަލިމީހުން ބައިތިއްބާނެ އެނދުތައް މަދުވެ، އަނެއްކާވެސް ހުޅުލެ އައިލެންޑް ހޮޓެލް އައިސޮލޭޝަން ފެސިލިޓީއެއް ގޮތުގައި ބޭނުން ކުރަން ފަށައިފިއެވެ.
މިކަން ހާމަކޮށްފައި ވަނީ، އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޓެގް ޓީމުގެ ފަރާތުން ބައިވެރިވެވަޑައިގެން ޑރ. އަހްމަދު ޝަހީދެވެ. އޭނާ ވިދާޅުވީ މީގެ ދެ ދުވަހެއް ވަރު ކުރިން އެޗްއައިއެޗް އައިސޮލޭޝަން ފެސިލިޓީއއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު، އެތަނުގައި ބައިތިއްބަނީ ހައިރިސްކު ނަމަވެސް ސްޓޭބަލް މީހުން ކަމަށެވެ.
އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އެނދުތައް ހުސްކުރަން ބައެއް މީހުން އެޗްއައިއެޗަށް ބަދަލުކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ގާތުން މޮނިޓާ ކުރަން ޖެހޭ އަދި ބޮޑަށް ބަލިވާ މީހުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކުރެވޭނެހެން މިހާރު ޖާގަ ހަދާފައިވާ ކަމަށެވެ.
މިހާރު ބެޑް ކެޕޭސިޓީގެ 68 ޕަސަންޓު ފުލްވެފައިވާކަމަށް ޑރ. ޝަހީދު މައުލޫމާތު ދެއްވައެވެ. އޭނާ ވިދާޅުވީ އިތުރު ރިސޯޓުތައް ވެސް އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރަން ލިބިފައިވާއިރު، މާލެއިން އިތުރު ގެސްޓްހައުސްތައް ވެސް ބޭނުންކުރަން ލިބޭތޯ ބަލަމުންދާ ކަމަށެވެ.
އެޗްއައިއެޗް އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަން ފަށާފައިވާއިރު، އެތަން ކުރިން ބޭނުން ކޮށްފައި ވަނީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައެވެ. ކަރަންޓީނު ފެސިލިޓީތަށް ގެންދަނީ ކޮވިޑް-19 އަށް ހުށަހެޅި، އެ ބައްޔަށް ޝައްކުވާ މީހުންނެވެ. ނަމަވެސް މިހާރު މީހުން ކަރަންޓީނު ކުރަނީ ގޭގައެވެ. އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން އައިސޮލޭޓް ކުރަން ޖެހޭ މީހުންނެވެ.
މިހާތަނަށް އައިއިރު، 7047 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 4439 މީހަކު ބަލިން ރަނގަޅުވެ، 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދަނީ 2580 މީހެކެވެ. އޭގެ ތެރެއިން 1460 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 173 މީހަކު ވަނީ ހޮސްޕިޓަލުގައެވެ.