މާލެ ސަރަހައްދުގެ ކޮވިޑް ފެސިލިޓީތަކަށް އަތޮޅުތެރޭގެ ރަށްރަށުން ނަރުހުން ގެންނަމުންދާ ކަަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވީ މިރޭ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. ޝަހީދު ވިދާޅުވީ މި ބައްޔަށް ފަރުވާ ކުރުމަށް ހަރަކާތްތެރިވާ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު މަދު ކަމަށާއި ވޯކްފޯސް ސްޓްރެޗް ވެފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގެ ކޮވިޑް ފެސިލިޓީތަކުގައި މަސައްކަތް ކުރުމަށް އަތޮޅުތެރެއިން ނަރުހުން ގެނައުމުގެ މަސައްކަތް ކުރަމުން ދަނީ މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ. އަދި މި ވަގުތު ރީޖަނަލް ފެސިލިޓީތަކުގައި އެއްވެސް ބަލި މީހަކު އެޑްމިޓްކޮށްފައި ނުވާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގައި ބަލި ފެތުރުމުގެ ފުރުސަތު އޮތް ނަމަވެސް، މިވަގުތަށް މުހިންމީ މާލެ ސަރަހައްދަށް ޑޮކްޓަރުންނާއި ނަރުހުން ގެނައުން ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ބޭރުން ވެސް ޑޮކްޓަރުންނާއި ނަރުހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ހަމައެއާއެކު ޕްރައިވެޓް ސެކްޓާއިން ވެސް ހިއުމަން ރިސޯސަސް ލިބޭތޯ ބަލަމުންދާ ކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު، 7047 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، 4439 މީހަކު ބަލިން ރަނގަޅުވެ، 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. މިހާރު މި ބައްޔަށް ފަރުވާ ކުރަމުންދަނީ 2580 މީހެކެވެ. އޭގެ ތެރެއިން 1460 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބިއިރު 173 މީހަކު ވަނީ ހޮސްޕިޓަލުގައެވެ.