މޫސުން ގޯސްވެ، ފުވައްމުލަށް ސިޓީއިން އައްޑޫ ސިޓީއަށް ޔެލޯ އެލާޓު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެސަރަހައްދަށް މިރޭ 7:30 އިން 11:30 އަށް ޔެލޯ އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ، ކަމަށާއި އޭގެތެރެއިން ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.
ވައިޖެހޭނީ ހުޅަނގުއުތުރާއި އުުތުރުންް، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގައި އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި ދެކުނުގައި 2 ފޫޓާއި 5 ފޫޓު ހުންނާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.