މިނިސްޓާ އޮފް ޓޫރިޒަމްގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރައްވާފައިވާ ޑރ. އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހައި، ކޮމިޓީއަށް އަނބުރާ ފޮނުވާލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މައުސޫމަށް ރުހުން ދިނުމަށް ވޯޓަށް ނާހާ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ މަގާމުގެ ހުވާ ކުރެއްވި އިރު، ވިޔަފާރިއެއްގެ މެނޭޖިން ޑިރެކްޓަރެއްގެ ގޮތުގައި އޭނާ ހުންނެވުމުންނެވެ. އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވީ، މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފާގެ މަތިން ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވިއެވެ.

ޑރ. އަބްދުﷲ މައުސޫމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން ރުހުން ދީފައި ވަނީ މި މަހުގެ 20 ވަނަ ދުވަހެވެ. ކޮމިޓީން މިނިސްޓަރު މައުސޫމަށް ރުހުން ދީފައި ވާއިރު، ކޮމިޓީން އެ ނިންމުން ނިންމާފައި ވަނީ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. މިއާއެކު، ދެން މިނިސްޓަރު މައުސޫމަށް ރުހުން ދޭން ޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ.

މިނިސްޓަރު މައުސޫމު އެ މަގާމަށް އައްޔަން ކޮށްފައި ވަނީ މިމަހު 6 ވަނަ ދުވަހެވެ.

ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމު ހުސްވެފައި މިވަނީ އެ މަގާމުގައި ހުންނެވި އަލީ ވަހީދު، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ގުޅިގެން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.