ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ނެގި ހުރިހާ ވޯޓެއް އޮޅުވާލި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން "މޮޔަ ވާހަކަ" ނުދައްކަވަން ވިދާޅުވެ ރައީސް މައުމޫނު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާން ހިތާމަކުރައްވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ރައީސް ނަޝީދު ބައްލަވާތީ ކަމަށާއި 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިހާބެއް އޮޅުވާލެއްވި ކަމަށް ނަޝީދު ވިދާޅު ވާ އިރު 2008 ގެ އިންތިހާބު އޮޅުވާ ނުލެވުނީ ކީއްވެތޯ ވަނީ ސުވާލު އުފައްދަވާފައެވެ.

އަދި ބުއްދި ގަބޫލު ކުރާ ވާހަކަ ދެއްކެވުމަށާއި "ބުއްދި ގަބޫލު ކުރާ ޖަވާބެއް" ދެއްވުމަށް ރައީސް މައުމޫން ވަނީ ނަޝީދުގެ ކިބައިން އެދިވަޑައިގެންފައެވެ.

އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!
ރައީސް މައުމޫނު

ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަނެއްކާވެސް ފެންމަތިވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ވެރިިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް މަޖިލީހަށް ވެއްދުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫނު ރިޔާސީ ނިޒާމަކަށް ތާއީދު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ، އިޖްތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އަދި އެކަން 2007 ވަނަ އަހަރު ނިންމީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

އެ ޓްވީޓަށް ރައްދު ދެއްވައި، ރައީސް މައުމޫނުގެ ވެރިކަމުގައި ނެގި ހުރިހާ ވޯޓެއްގައި އޮތީ ކަނޑައެޅިގެން އޮޅުވާލައި މަކަރު ހަދާފައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް މައުމޫނުގެ ހަޔާތްފުޅުގައި ކޮންމެ ވޯޓެއް އެމަނިކުފާނު އޮޅުވާލެއްވި ކަމަށާއި 2007 ގެ ނިޒާމުގެ ވޯޓުވެސް ހެއްދެވީ އެހެން ކަމަށާއި ރައީސް މައުމޫނަށް އޮޅުވައި ނުލެއްވުނީ ހަމައެކަނި 2008 ގެ ވޯޓު ކަމަށެވެ. އަދި އެ ވޯޓުން މައުމޫނު ވަނީ ބަލިވެވަޑައިގެންފައި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

އަދި އެކަމާ ގުޅިގެން ދީނީ އިލްމުވެރިޔާ ޝެއިހް އިލްޔާސް ހުސެއިން ވަނީ ރައްޔިތުންގެ ނިންމުމަށް ގޮންޖެއްސެވުމަށް ފަހު ބަރުލަމާނީ ނިޒާމެއް ގެނައުމަށް މަސައްކަތް ކުރައްވަނީ އެމްޑީއެންގެ ލާދީނީ އެޖެންޑާ ކާމިޔާބު ނުކުރެވިގެން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ރާއްޖޭގައި މިހާރު އޮތީ ރިޔާސީ ނިޒާމެވެ. އެއީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ރައްޔިތުންގެ 62 ޕަސެންޓް އަޣުލަބިއްޔަތާއެކު ގެނައި ނިޒާމެކެވެ.