ކ. ދިއްފުށީގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ދިއްފުށީ ކައުންސިލުން ބުނީ، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހަކު 14 ދުވަސް ހަމަކޮށް ކޮވިޑަށް ޓެސްޓްކޮށް ނަތީޖާ ލިބުނު އިރު އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައި ކަމަށެވެ. އެގޮތުން އޭނާ ޕޮޒިޓިވް ވެފައިވާ ކަން އެނގިފައި ވަނީ އިއްޔެ ކަމަށް އެ ކައުންސިލުން ބުނެއެވެ.

އެ ރަށުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާތީ އެޗްޕީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން، އެކަކު އަނެކަކު ބަހައްޓަން ޖެހޭ ގައިދުރުކަން ބެހެއްޓުމަށާއި ތިމާއާއި އެހެންމީހުންގެ ސަލާމަތަށްޓަކައި، އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅުމަށް އެ ކައުންސިލުން އިލްތިމާސް ކުރެއެވެ.

ހަމައެއާއެކު، ސްކޫލުތައް ކައިރިއަށާއި، މިސްކިތްތަކަށާއި، ހޮޓާ ކެފޭ ރެސްޓޯރަންޓްތައް ފަދަ ތަންތަނާއި އަދި މީހުން އެއްވެ އުޅޭ ތަންތަނަށް ޒިޔާރަތް ކުރުމުގައި މާސްކު އެޅުމަށްވެސް އެ ކައުންސިލުން ބުނެއެވެ. ހާއްސަކޮށް ހައި ރިސްކް ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކޮންމެހެން ވެސް އެޅުމަށް އެ ކައުންސިލުން ނަސޭހަތްތެރި ވެއެވެ.

މިހާރު ރާއްޖޭގައި ހުރި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2588 މީހެކެވެ. އޭގެ ތެރެއިން 171 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1458 މީހަކު ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 6912 އަށް އަރާފައި ވާއިރު އޭގެތެރެއިން 28 މީހަކު ވަނީ ނިޔާވެފައެވެ. އަދި މިހާތަނަށް މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 4297 އަށް އަރާފައެވެ.