ރާއްޖޭގައި މިހާރު ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 171 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މިހާރު ރާއްޖޭގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދާ މީހުންގެ ތެރެއިން 171 މީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކުރެވިފައިވާ ކަމަށެވެ.

ދުވަހެއް ދުވަހެއް ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުން ދާއިރު ބަލި ޖެހިގެން އެޑްމިޓް ކުރާ މީހުންގެ އަދަދުވެސް އިތުރުވަމުން ދާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި ބަލިން ރައްކާތެރިވުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކަކީ އެތައް ބަޔަކަށް އުނދަގޫތަކެއް ތަހައްމަލު ކުރަން ޖެހޭ ކަމެއް ކަމުގައި ވީ ނަމަވެސް އެ ފިޔަވަޅުތަކަށް ބޯލެނބުމަކީ މިވަގުތު ބަލިން ރައްކާތެރި ވުމަށް ކުރެވެން އޮތް ކަމެއް ކަމަަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެގޮތުން ބަލި ޖެހޭ މިންވަރު މަދުކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސާ މުރާދު ވިދާޅުވީ، މި ބަލި ޖެހޭ މީހުން އިތުރުވަމުން ދިއުމުން ޑޮކްޓަރުންނާއި ނަރުހުންނަށް ބުރަވާނެ ކަމަށެވެ. މި ބަލި ޖެހިގެން އެޑްމިޓް ކުރާ މީހުން އިތުރުވާ އިރު އައިސީޔޫއަށް ލާ މީހުންވެސް އިތުރުވަމުން ދާ ކަމަށެވެ. އެގޮތުން ވެންޓިލޭޓަރުގައި ބާއްވާ ބަލި މީހަކަށް ފަރުވާ ދިނުމަށް މަދުވެގެން 2 ނަރުހުންނާއި ޑޮކްޓަރެއް ހުންނަން ޖެހޭ ކަމަށް އޭނާ ފާހާގަ ކުރެއްވިއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 6912 އަށް އަރާފައެވެ. އޭގެތެރެއިން މިހާރު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު ވަނީ 2588 އަށް އަރާފައެވެ.