ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ބޭރުގައި އުޅޭ ވަގުތު މާސްކް ނާޅާ އުޅުނު މީހުންގެ ތެރެއިން 50 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށާއި މަގުމަތީގައި އުޅުން މަނާ ވަގުތުތަކުގައި ބޭރުގައި އުޅެގެން 55 މީހުން ޖޫރިމަނާ ކޮށްފައި ވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ މައުލޫމާތު ހިއްސާ ކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ، މަގުމަތީގައި އުޅޭ ވަގުތު މާސްކް ނާޅާ އުޅުމުގެ ސަބަބުން 57 ފަރާތަކަށް ނަސޭހަތްތެރި ވެ 50 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ. އަދި މަގުމަތީގައި އުޅުން މަނާ ވަގުތުގައި ބޭރުގައި އުޅުނު 80 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި 55 މީހަކު ޖޫރިމަނާ ކޮށްފައި ވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅަފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭ ސަރަހައްދުގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު މަގުމައްޗަށް ނުކުމެ އުޅުމަކީ މަނާ ކަމެކެވެ. އަދި ބޭރަށް ނުކުމެ އުޅޭ ވަގުތު ބަލި ފެނިފައިވާ ރަށްރަށުގައި މާސްކް އެޅުން ވަނީ މަޖުބޫރު ކޮށްފައެވެ. މި ފިޔަވަޅުތަކަށް އަމަލު ނުކުރާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދޭ އިރު އެކަން ތަކުރާރު ވާ ނަމަ ޖޫރިމަނާ ކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އާ ދެމެދު މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ.