މިއަދު 199 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ޖުމްލަ މީހުންގެ އަދަދު 8000 އިން މައްޗަށް އަރައިފިއެވެ.

މިއަދު މި ބައްޔަށް ޕޮޒިޓިވްވި 199 މީހުންގެ ތެރޭގައި ހިމެނެނީ، 145 ދިވެހިންނާއި ބަންގްލަދޭޝްގެ 42 މީހުންގެ އިތުރުން، އިންޑިއާގެ 5 މީހަކާއި ލަންކާ 3 މީހަކާއި އެމެރިކާގެ 2 މީހަކާއި ޗައިނާގެ އެކަކާއި ޖަޕާންގެ އެކަކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 168 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު 31 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.

މިއަދާ ހަމައަށް އައި އިރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 8003 އަށް އަރާފައެވެ. އޭގެ ތެރެއިން 5265 މީހަކު ރަނގަޅުވެފައި ވާއިރު، ފަރުވާ ދެމުންދާ މީހުންގެ އަދަދު 2703 އަށް ވަނީ އަރާފައެވެ.

މިވަގުތު މިބަލި ޖެހިފައިވާ 2703 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 162 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1395 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.

ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާތަނަށް ވަނީ 29 މީހަކު ނިޔާވެފައެވެ.‏ އޭގެ ތެރޭގައި ހިމެނެނީ 23 ދިވެހިންނާއި 6 ބިދޭސީންނެވެ.

މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 41 ރަށެއްގައެވެ. އަދި 16 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 16 ފަތުރުވެރިންނާއި 29 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.