ހިޔާ މަޝްރޫއަށް ފޯމް ލީ ފަރާތްތަކުގެ ތެރެއިން ދަރިން ތިބުމުން މާކްސްދޭ އުސޫލުގައި މިދިޔަ ސަރުކާރުން 120 ފޯމަކަށް ނުބައިކޮށް މާކްސް ދީފައިވާ ކަމަށް ފްލެޓް ކޮމިޓީން ބުނެފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ފްލެޓް ކޮމިޓީން ބުނީ، 3 ދަރިންނަށް ވުރެ ގިނައިން ދަރިން ތިބި ނަމަ އެމީހަކަށް 50 ޕޮއިންޓް ލިބޭގޮތަށް އުސޫލުގައި އޮތް އިރު 120 ފަރާތަކުން ހުށަހަޅާފައިވާ ފޯމަށް ކުރީ ސަރުކާރުން 3 ދަރިން ތިބި ކަމަށް ފުލް މާކްސް ދީފައި ވަނީ ނުބައިކޮށް ކަމަށެވެ. އެ 120 ފޯމް ބެލި އިރު އެ މީހުންގެ ތިބީ 2 ދަރިންކަން އެނގިފައިވާ ކަމަށް ކޮމެޓީން ބުނެއެވެ.
ކޮމިޓީން ބުނީ ހިޔާ މަޝްރޫއަށް ހުށަހަޅާފައިވާ ފޯމްތައް ވެރިފައި ކުރުމުގައި ގިނަ މައްސލަަތަކެއް ފާހަގަ ކުރެވުނު ކަމަށެވެ. އެ ގޮތުން ބައެއް ފޯމްތަކަށް ލިބިފައިވާ މާކްސް މަދުވެފަިއވާ ކަމަށާއި ބައެއް ފޯމްތައް ޑިސްކޮލިފައި ކޮށްފައިވާ ކަމަށެވެ. ބައެއް ފޯމްތައް ޑިސްކޮލިފައި ކުރީ ފްލެޓަށް ހުށަހަޅާ ފަރާތްތަކަށް މާކްސް ދިނުމުގައި ބަލައި އުސޫލުތަކަށް ނުފެތޭ ފޯމްތައް ކަމަށް އެފަރާތުން ބުނެއެވެ. އެގޮތުން ފޯމްތަކަށް މާކްސް ދިނުމުގައި ބަލާފައި ވާނީ ކުރިން ވެސް ހިޔާ މަޝްރޫއަށް މާކްސް ދިނުމުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ކަމަށާއި އަދި ކުރީގެ އުސޫލުތަކަށް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށް ކޮމިޓީން ބުނެއެވެ.
ހަމައެއާއެކު ފްލެޓަށް އެދި ހުށަހެޅި ފޯމްގައި އެމީހެއްގެ ދަރިން ތިބި އަދަދު ހިމެނުމަށް ބުނެފައި ވާއިރު ފޯމާ އެކު ހުށަހެޅި ލިޔުންތަކުން އެއީ އެމީހެއްގެ އަސްލު ދަރިންކަން ކަށަވަރު ކުރެވެން ނެތް ކަމަށް ކޮމިޓީން ބުނެއެވެ. އެހެން ކަމުން ޑީއެންއާރް މެދުވެރިކޮށް އެފަރާތްތަކުގެ އުފަންދުވަހުގެ ސެޓްފިކެޓް ހޯދައި އެއީ ފޯމް ހުށަހެޅި ފަރާތުގެ ދަރިއެއްކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރި ކަމަށް ކޮމެޓީން ބުނެއެވެ. އެގޮތުން ކޮންމެ ކެޓަގަރީއެއް ވަކިން އެ ލިޔެކިޔުންތައް ހޯދާ ވެރިފައި ކުރި ކަމަށް ކޮމެޓީން ބުނެއެވެ.
ކުރިން ފޯމްތަކަށް ޕޮއިންޓް ދީފައިވާ ގޮތަށް ބެލިއިރު ދިރިއުޅުމުގެ ހާލަތުގެ ބަޔަށް ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށް ނޫން ކަމަށް ކޮމިޓީން ބުނެއެވެ. އެގޮތުން ދިރިއުޅުމުގެ ހާލަތު ބަޔާން ކޮށް ބަޔާނެއް ހުށަހަޅަން ޖެހޭ އިރު އެ ބަޔާނުގައި އެއްވެސް އެއްޗެއް ހުށަޅާފައި ނުވާ ފަރާތްތަކަށް ވެސް ފުލް މާކްސް ދީފައިވާ ކަމަށް ކޮމިޓީން ބުނެއެވެ.
ހަމައެއާއެކު ބިންވެރިކަން ވެސް އެއްވެސް ވަރަކަށް ކަށަވަރު ކުރެވިފައި ނުވާކަން ކޮމެޓީއަށް ފާހަގަ ކުރެވިފައި ވާ ކަމަށް ވެސް މިއަދު ފާހަގަކުރިއެވެ. އެގޮތުން މާލެ ރަށްވެހިންގެ ކެޓަގަރީން 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް އެމީހެއްގެ އޮތް ކަން ބަލާފައި ނުވާ ކަމަށް ކެމެޓީން ބުނެއެވެ. އަދި މާލެ ރަށްވެހިންގެ ކެޓަގަރީއަށް ހުށަހަޅާފައި ވާ ފޯމްތަކަށް ބާލާއިރު އޭނާ އަކީ މާލެ ރަށްވެއްސަކަށް ނުވާނަމަ ޑިސްކޮލިފައި ކޮށްފައި ވާނެ ކަމަށް ވެސް ކޮމިޓީން ބުނެއެވެ.
ފްލެޓް ކޮމިޓީން މިއަދު ވަނީ ހިޔާ މަޝްރޫއުގެ 4 ކެޓަގަރީއެއްގެ ވަގުތީ ލިސްޓު އާންމު ކޮށްފައެވެ. ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހަޅާފައި ވާ މީހުންނަށް ޕޮއިންޓް ދީފައި ވަނީ އުސޫލާ އެއްގޮތަށްތޯ ބަލައި އެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެ ކޮމިޓީން ދިރާސާކޮށް ވަގުތީ ލިސްޓު އާންމުކޮށްފައިވާ 4 ކެޓަގަރީ އަކީ H4, H5, H8 އަދި H10 އެވެ.
H4 ކެޓަގަރީ އަކީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީއެވެ. އަދި H5 ކެޓަގަރީގެ ފްލެޓްތައް ޓީޗަރުންނަށް ހާއްސަ ކޮށްފައި ވާއިރު، H8 ކެޓަގަރީގެ ފްލެޓްތައް ހާއްސަކޮށްފައި ވަނީ މާލޭ ރަށްވެހިންނަށެވެ. އަދި H10 ކެޓަގަރީގެ ފްލެޓް ހާއްސަކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށެވެ.