ދައުލަތުގެ ކޮންޓްރެކްޓްތައް ޕީއެސްއައިޕީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ފައިނޭންޝަލް މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އެ މިނިސްޓްރީން މިހާރު ވާނީ ޕީއެސްއައިޕީ ޕޯޓަލްއެއް ޑިވެލޮޕްކޮށް ލައިވް ކޮށްފައެވެ.

އެގޮތުން، ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކާއި، އެނޫންވެސް ގޮތްގޮތުން ދައުލަތާ އެކު އެކި ފަރާތްތަކުން ކޮންޓްރެކްޓް ހެދިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް އެ ޕޯޓަލް މެދުވެރިކޮށް އެޅުމަށް ދައުލަތުގެ އެންމެހާ އިދާރާތަކަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ދައުލަތާއި އެކު ކޮންޓްރެކްޓް ކުރެވިގެން ކުރިއަށް ގެންދާ އެންމެހާ މަސައްކަތްތަކުގެ ކޮންޓްރެކްޓްތަކުގެ މައުލޫމާތުތައް 31 އޯގަސްޓް 2020 ގެ ނިޔަލަށް އެ މިނިސްޓްރީގެ ޕޯޓަލް އަށް އެޅުމަށް އެދިފައެވެ. އަދި އެ މުއްދަތުގެ ފަހުން ފައިސާ ދޫކުރެވެމުންދާނީ، ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށް މިނިސްޓްރީން ބުނެއެވެ.