ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތަށް ބަލާއިރު، ކޮންމެ 30 އެނދެއް ބަލަހައްޓަން ހުރީ އެއް ނަރުސް ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ.

ޑރ. ޝީނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. ޝީނާ ވިދާޅުވީ، އާންމު ހަލަތުގަިއ ވެސް ކޮންމެ 5 އެނދަކަށް ނަރުހެއް ހުންނައިރު، މިހާލަތުގައި ހުރީ ކޮންމެ 30 އެނދަކަށް ނަރުހެއް ކަމަށެވެ. އަދި މިކަމުގައި ނަރުހުންގެ އިތުރުން ޑޮކްޓަރުންގެ ކެޕޭސިޓީ ވެސް ދަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ޑޮކްޓަރުންގެ ރައުންޑެއް ނަގަން 10 ގަޑިއިރު ނަގާ ކަމަށާއި، އެއީ ބަލި މީހުންގެ އަދަދު އިތުރުވެފައި، ޑޮކްޓަރުންގެ އަދަދު މަދު ކަމުން ކަމަށެވެ. އަދި ޑޮކްޓަރުންގެ އަދަދު މަދު ވަނީ ކޮވިޑް ނޫން ބަލިމީހުން ވެސް އުޅެތީ، އެމީހުންނަށް ބޭނުންވާ ސިއްހީ އެހީތެރިކަން ވެސް ފޯރުކޮށްދޭން ޖެހޭތީ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވި، މި ބަލިމަޑުކަން ފެށިގެން އައިރު ގިނަ ގައުމުތަކުން ބޮޑެތި އަދަދުތަކުން މީހުން މަރުވަމުން ދިޔަ ކަމަށެވެ. އޭރު މީހުން މަރުވުން އިތުރުވީ ސިއްހީ ނިޒާމަށް ނުކަތާ، ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު ދަށް ވުމުން ކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ވެސް ހޮސްޕިޓަލް ބެޑް އިތުރުު ކުރުމަށް ސްކޫލުތަކުގައި ވެސް އެނދު ޖެހިދާނެ ކަމަށެވެ. ނަމަވެސް އެ އެނދުތަކުގައި ތިބޭ ބަލި މީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުންނެއް އިތުރު ނުކުރެވޭނެ ކަމަށެ އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ރޭޓޫން ދާނަމަ އިތުރު މީހުން ރާއްޖެއިން ވެސް މަރުވާނެ ކަމަށެވެ. އެގޮތުން މިހާރު ހަފްތާއަކު 4 މީހުން މަރުވާއިރު، އެއީ މަދު އަދަދެއް ނޫން ކަން ޑރ. ޝީނާ ފާހަގަ ކުރެއްވިއެވެ.

ޑރ. ޝީނާ މިހެން ވިދާޅުވެފައިވާއިރު، މާލެ ސަރަހައްދުގައި ކޮވިޑް ބަލިމީހުންނަށް ފަރުވާދޭން ހުރި އެނދުގެ 62 ޕަސަންޓު އެނދު މިހާރުވެސް ވަނީ ފުރިފައެވެ.

ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6660 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 2521 މީހުން އެބަ ތިއްބެވެ. އަދި މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 169 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެތެރެއިން 10 ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެ 10 މީހުންގެ ތެރެއިން 5 ފަރާތެއް ތިބީ ވެންޓިލޭޓަރުގައެވެ.