ސިއްހީ މާހިރެއްގެ ނަޒަރިއްޔާތުން، މިއީ ރާއްޖެ ލޮކްޑައުން އަކަށް ދާންވީ ވަގުތު ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ރާއްޖެޓީވީގެ ހަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. ޝީނާ ވިދާޅުވީ ސިއްހީ ނަޒަރިއްޔާތަކުން މިއީ ލޮކްޑައުނަކަށް ދާންވީ ވަގުތު ކަމަށް ދެކެވަޑައިގެންނެވި ކަމުގައި ވިޔަސް މިކަމުގައި ވިސްނަން ޖެހޭ އިތުުރު ކަންތައްވާ ކަމަށެވެ. އެގޮތުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ލޮކްޑައުނަކަށް ދިއުމަކީ އެންމެ ރަނގަޅު ގޮތްތޯ ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ޝީނާ ވިދާޅުވީ ސިއްހީ ނަޒަރިއްޔާތުން ވިސްނައިގެން އަޅާ ފިޔަވަޅުތަކުން އިގްތިސޯދަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެހެންކަމުން ހަމައެކަނި ސިއްހީ ނަޒަރިއްޔާތުން ވިސްނައިގެން ބަލި ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އައިއިރު ވަރަށް ގިނަ ފިޔަވަޅުތައް އެޅުނު ނަމަވެސް، ބަލި ކޮންޓްރޯލް ނުކުރެވެނީ މި ފިޔަވަޅުތަކާ އެއްގޮތަށް މީހުން އަމަލު ނުކުރާތީ ކަމަށެވެ. ޑރ. ޝީނާ ވިދާޅުވީ އެޗްއީއޯސީން އަޅާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލު ކުރާ ކަމަށް ބެލެވެނީ އާބާދީގެ ދެބައި ކުޅައެއްބައިހާ މީހުން ކަމަށެވެ. މި ބަލި ކޮންޓްރޯލް ވާނީ ސަރުކާރާއި ރައްޔިތުން އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ކަމަށެވެ.

ލޮކްޑައުނަކަށް ގޮސްފި ނަމަ ބަލި ކޮންޓްރޯލް ކުރަން ވަރަށް ފަސޭހަ ވާނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ނަމަވެސް ލޮކްޑައުން ކުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އެހެންކަމުން އިގްތިސޯދީ ހަރަކާތްތައް ކުރިއަށްދާނެ ގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. މިކަމުގެ ވިސްނަން ޖެހެނީ މީހުންނަށް ފަރުވާ ދެވޭނެ ވަރަށް ސިއްހީ ނިޒާމަށް ނުކަތާ މިކަން ކުރެވޭނެ ގޮތަކަށް ހިފެހެއްޓުން ކަމަށެވެ.

އަދި އެޗްއީއޯސީގެ ފިޔަވަޅުތައް އިތުރަށް ރިވައިޒްކޮށް ހަރުދަނާ ކުރަން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. އިތުރު ފިޔަވަޅުތައް ނާޅާ ނަމަ އިތުރު ބަޔަކު ނިޔާވެގެން ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.