ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިހާރުދާ ރޭޓުގަ ދަންޏާ ދުވާލަކަށް 600 މީހުން ވެސް ޕޮޒިޓިވް ވެދާން ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ޑރ. ޝީނާ މިހެން ވިދާޅުވީ ރާއްޖެޓީވީގެ ހަބަރުފީތާ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. ޝީނާ ވިދާޅުވީ، ދުވާލަކު 600 މީހުން ޕޮޒިޓިވް ވުމަކީ ވެދާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ޕޮޒިޓިވް ކޭސްތަުގެ ގޮތުގައި ދެނެގަނެވެނީ ޕޮޒިޓިވްވާ މީހުންގެ ކުޑަ ޕަސަންޓޭޖެއް ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ރާއްޖޭގައި ޕޮޒިޓިވްވާ މީހުންގެ 40 ޕަސަންޓް މީހުންނަކީ އެއްވެސް އަލާމާތެއް ނުހުންނަ މީހުން ކަމަށްވުމުން އެމީހުންނަށް ބަލި ހިފައިގެން ފަތުރަމުންދާ ކަން ވެސް ނޭނގޭ ކަމަށެވެ. އެހެންކަމުން ތިމާ ގައިގައި ބަލި ހުންނަކަން ދެނެގަނެވޭިއރު އެތައް ބަޔަކަށް ބަލި ހުންނަނީ ދެވިފައި ކަން އޭނާ ފާހަގަ ކުރެެއްވިއެވެ.
ބަލިމަޑުކަމެއްގައި އޮޕަރޭޓްކުރަން އެޗްޕީއޭގެ އެކަނި ކެޕޭސިޓީ ނެތް ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. މިކަމުގައި އެހެން އިދާރާތަކާއި ދަރުމަވެރިންގެ އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެންއީއޯސީން އުވާލާ އެޗްއީއޯސީ ގާއިމް ކުރުމަކީ، އޮޕަރޭޝަނަށް ކެޕޭސިޓީ ވަރަށް ބޮޑުތަން ދަށްވެގެން ދިޔަ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާއިރު، މިހާރު ޕޮޒިޓިވްވާ އަދަދަށް ބަލާ ކޮންޓެކްޓް ޓްރޭސް ކުރުމާއި، އެހެނިހެން ކަންކަމުގައި އެޗްޕީއޭއަށް އެކަނި ކޮންޓްރޯލް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ރޭޓުން ދާނަމަ، ގިނަ މީހުން މަރުވާނެ ކަމަށާއި، ގިނަ ބަޔަކު ބައްޔަށް ޕޮޒިޓިވްވެސް ވާނެ ކަމަށެވެ.
ރާއްޖޭގައި މިހާރު ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 6660 އަށް އަރާފައެވެ. މިހާރު އެކްޓިވް ކޭސްގެ ގޮތުގައި 2521 މީހުން އެބަ ތިއްބެވެ. އަދި މިހާރު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 169 މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭގެތެރެއިން 10 ފަރާތަކަށް ދަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އެ 10 މީހުންގެ ތެރެއިން 5 ފަރާތެއް ތިބީ ވެންޓިލޭޓަރުގައެވެ.