ދުނިޔޭގެ ކޮންމެ ގައުމެކޭ ވެސް އެއްފަދައިން ރާއްޖެއިން ވެސް ކޮވިޑް-19، މިކިޔާ ބަލިމަޑުކަމާއެކު ކުރަހަމުން ދާ ތަސްވީރު ކުރަހާތާ މިހާރު 6 މަހެއްހާ ދުވަސް ވެއްޖެއެވެ. ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާ ފުޅާ ދާއިރާއެއްގައި މަސައްކަތް ވެސް ކުރެވިގެން ދިޔައެވެ. ތަސްވީރު ހަޑި ނުވާނޭހެން އެތައް ފިޔަވަޅުތަކެއް އަޅަމުން ގޮސް، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނަމުގައި ހުޅުވި ސެންޓަރު ބަންދު ކުރި ހިސާބުން މި ތަސްވީރުގެ ކުލަ ވެސް ފަނޑުވެ ގެއްލެން ފެށީއެވެ.

ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާ މަންޒަރު ބަލަބަލާ ތިބޭތާ ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް ވެއްޖެއެވެ. ކޮވިޑަކައިގެން އުޅޭތާ ޖުމްލަ 6 މަސް ވީއިރު، ރާއްޖޭގެ ކޮވިޑް ހާލަތުގެ އެންމެ ބިރުވެރި ހިސާބު ޖަހާ މާހިރު ކަމުގައި އެންމެން ވެސް ދެކޭ ޑރ. ޝީނާ މޫސާގެ ނަންބަރުތަކަށް ވުރެ ބޮޑުތަނުން މަތީ އަދަދުތަކުން މީހުން ދަނީ ޕޮޒިޓިވް ވަމުންނެވެ. ނަމަވެސް ކަހާތަން ހިރުވާވެސް ނުލާ ކަހަލައެވެ.

ކޮވިޑްގެ ނަންބަރުތައް ކިތަންމެހާވެސް ބިރުވެރިއެވެ. 6660 މީހުން ޕޮޒިޓިވް ވި އިރު، އާބާދީގެ ނިސްބަތުން އެންމެ ގިނަ ކޭސް ރިޕޯޓް ކުރި ގައުމުތަކުގެ ލިސްޓުގެ 17 ވަނައިން ރާއްޖެ ޖާގަ ހޯދައިފިއެވެ. ބައި މިލިއަނެއްހާ މީހުން އުޅޭ ރާއްޖޭގައި ކޮންމެ 83 މީހަކުން އެކަކީ މި ބަލީގެ ޝިކާރައަކަށް ވި މީހަކަށް ވެއްޖެއެވެ. ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު މަދުވަނީއެއް ނޫނެވެ. ނިޔާވާ މީހުންގެ އަދަދު ވެސް ކޮންމެ ދުވަހަކު ދަނީ މަތިވަމުންނެވެ.

ވޭތުވެދިޔަ ތިން ހަފްތާއަށް ބަލާލަމާތޯއެވެ. މުޅި އޮގަސްޓްމަހު 2373 މީހަކު ޕޮޒިޓިވް ވާނެ ކަމަށް ޖެހި ހިސާބު ފަހަނަޅައި ގޮސް 2868 މީހުން ޕޮޒިޓިވް ވެއްޖެއެވެ. އެއީ ޓެސްޓު ކުރި މީހުންގެ 12 ޕަސަންޓް މީހުންނެވެ. އަދި އިތުރު ހަފްތާއެއް އޮތް އިރު، އެ އަދަދު އަދިވެސް ދާނީ މަތިވަމުންނެވެ. 3 ހަފްތާ ތެރޭ 9 މީހަކު ނިޔާވެއްޖެއެވެ. އިތުރު 10 މީހަކަށް އައިސީޔޫގައި ފަރުވާދެމުން ދާއިރު 5 މީހަކު އޮތީ ވެންޓިލޭޓަރުގައެވެ. ޖުމްލަ 169 މީހަކު ހޮސްޕިޓަލުގައެވެ.

ށ. ފުނަދޫގައި އަޅާފައިވާ ކޮވިޑް ސެންޓަރު

ހޮސްޕިޓަލުގައި ގިނަ ބަޔަކު ތިބިއިރު، ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި ނަރުހުން އަދި ޓެސްޓު ކުރަން ތިބޭ ލެބް ޓެކްނީޝަނުންނާއި ރެޕިޑް ރެސްޕޮންސް ޓީމުގެ ގިނަ މެންބަރުން ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އަދި ޕޮޒިޓިވްވާ މީހުންނާ ކައިރީގައި އުޅޭ އެހެން މީހުން ކަރަންޓީނު ވަމުންނެވެ. ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ހާލަތު ގޯސްވަމުން ދާ ކަމުގެ އިންޒާރުގެ ރަނގަބީލު މަޑު ނުޖެހި ޖެހެމުންނެވެ.

ބަލި ކޮންޓްރޯލްނުވެ ބާރަށް ފެތުރެނީ

ބަލި ކޮންޓްރޯލް ވާ ތަނެއް ނުފެނެއެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި 2531 މީހަކު އުޅޭއިރު، އޭގެ ތެރެއިން އައިސޮލޭޝަން ފެސިލިޓީގައި ތިބީ އެންމެ 1419 މީހުންނެވެ. މި މީހުންނާއި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުން ނުލާވެސް ޕޮޒިޓިވް 941 މީހަކު އެބަ އުޅެއެވެ. އެހެން ވީރުން އެ މީހުން ތިބީ ޕޮޒިޓިވްވެ، ސިއްހީ މާހިރެއްގެ ލަފާ ނުލިބޭނެހާ ދުރުގައެވެ.

މިކަމުގައި އެޗްއީއޯސީން ބުނަނީ، 941 މީހުން ތިއްބަސް، އޭގެ ތެރޭގައި ރަނގަޅުވެފައި ތިބި މީހުން ތިބި ކަމަށެވެ. އަދި އައިސޮލޭޝަނަށް ނުގެންދެވި ތިބޭނީ ޖުމްލަ 348 މީހަކު ކަމަށެވެ. އޭގެ ތެރެއިން ވެސް އެ ސެންޓަރުގެ ބެކްލޮގުގެ ސަބަބުން ނުގެންދެވި ތިބީ 194 މީހަކު ކަމަށެވެ. އަދި 89 މީހަކު އައިސޮލޭޝަނަށް ދިއުމަށް އިންކާރުކޮށް، 33 މީހުން ފޯނަށް ޖަވާބު ނުދޭ ކަމަށް ބުނާއިރު، އާއިލީ މީހުންގެ ނަތީޖާ ލިބެންދެން މަޑުކޮށްގެން 18 މީހަކު ތިބި ކަމަށާއި، އެހެން ސަބަބުތަކާ ހެދި 14 މީހަކު އައިސޮލޭޝަނަށް ނުގެންދެވި ގޭގައި އެބަ ތިއްބެވެ.

ބެކްލޮގުގެ ސަބަބުން ނުގެންދެވި މާލޭގައި ތާށިވެފައި ތިބި ކޮންމެ މީހެއްގެ ފަރާތުން، އިތުރު 5 މީހަކަށް ބަލި އަރާނެ ކަމަށް ބަލަމާ ހިނގާށެވެ. އޭރުން ވެސް އިތުރު 776 މީހަކަށް ބަލި ފެތުރޭނެއެވެ. މާލޭގެ ގޭގޭގެ ހާލަތު ހުންނަ ގޮތުން އެކަކު އަނެކަކާ ދުރުގައި ތިބެވެނީއެއް ނޫނެވެ. ދާދިފަހުން 37 މީހުން އުޅޭ ގެއަކުން އެކަކު ޕޮޒިޓިވް ވެގެން، އޭނާ އައިސޮލޭޝަނަށް ނުގެންދެވި ހުރެ ގޭ އެންމެނަށް ބަލި ޖެހި، އެކަކުގެ ފުރާނަ ގެއްލުނު ހިސާބަށް ކަންތައް ގޯސްވި މައްސަލައެއް ވެސް ފެންމަތިވިއެވެ.

ކޮވިޑް-19އާއި ގުޅިގެން ޓާސްކް ފޯސްއިން ބޭއްވުނު ޑްރިލްގެ ތެރެއިން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ދެން ދައްކަނީ އައިސޮލޭޝަނަށް ދާން އިންކާރުކުރާ ވާހަކައެވެ. އެޗްއީއޯސީއަކަށް ރައްޔިތުންގެ އިތުބާރެއް ނެތެވެ. އިތުބާރު ކުރާނީ ކިހިނަކުން ހެއްޔެވެ. އެކަކަށް ޕޮޒިޓިވް ނަތީޖާއެއް ލިބުމުން އޭނާ އައިސޮލޭޓް ކުރުމަށް އެދި އާދޭސް ކުރިއަސް އެކަން ނުކޮށްދޭ ކަމުގެ ޝަކުވާއާއި، ޕޮޒިޓިވް މީހުންނާ ކޮންޓެކްޓްވެ ހައި ރިސްކު މީހުން ޓެސްޓު ކޮށްދިނުމަށް އެދި ކުރާ އާދޭސްތަކުން ކޮންމެ ދުވަހަކުމެ ސޯޝަލް މީޑީއާ މިއޮންނަނީ ފުރާލާފައެވެ. ކޮވިޑަށް ހާއްސަކޮށް އެކުލަވާލި ހޮޓްލައިނުން ޖަވާބު ނުދޭ ކަމަށާއި، އެޗްއީއޯސީ ފެއިލްވެފައިވާ ކަމުގެ އެތައް ޝަކުވާއެއް ކޮންމެ ދުވަހަކު މިދަނީ އޮހެމުންނެވެ.

ބަލި ފެތުރުމުގައި އޮތީ ހަމަ އެންމެންގެ ޒިންމާއެވެ. ހަމައެކަނި އެޗްއީއޯސީ ފެއިލްވިއޭ ކިޔާ ސޯޝަލް މީޑިއާ ފުރާލުމަށް ވުރެ، ދިމާވެގެން މިއުޅޭ މައްސަލަ މާ ބޮޑެވެ. ފަރުދީ ޒިންމާއެއް، ރައްކާތެރިކަމުގެ ފިޔަވަޅެއް ނެތެވެ. ލޮކްޑައުނަކަށް ދާން ބިރުގަނެއެވެ. އެތައް ބަޔަކު ޕޮޒިޓިވް ވަމުން ދާއިރު، އެމީހުންގެ ކޮންޓެކްޓުންނަށް އަމިއްލައަށް ކަރަންޓީނު ވުމުގެ ފުރުސަތު ނުދޭ އެތައް ވިޔަފާރިއެއް އެބައުޅެއެވެ. ކޮންޓެކްޓަކަށް ވިޔަސް ވަޒީފާއަށް ނިކުތުން މަޖުބޫރެވެ. ޓެސްޓުން ޕޮޒިޓިވް ނަތީޖާއެއް ލިބުމުން، އެހިސާބުން ވަޒީފާގެ މާހައުލުން އެއްވެސް މީހަކާ ދިމާވި ވާހަކަ އަންގައިގެންވެސް ނުވެއެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް މީހެއްގެ ރެންޑަމް ސާމްޕަލް ނަގަނީ

ކޮންމެ ރެއަކު 10:00 ގައި އެޗްޕީއޭއިން ނެރޭ ނަންބަރުތައް ބަލާލައި، ސޯޝަލް މީޑިއާގައި ޕޯސްޓެއް ކޮށްލާ ހައިރާންވާ ކަމަށް ހެދުމުން ނިމުނީއެވެ. އަނެއް ދުވަހު ހޭލައިގެން ދަނީ ޕިކްނިކް ތަކަށާއި، ކޮފީތަކަށެވެ. އެއްވެ އުޅުމާއި، ރައްޓެހިންނާއި ދެން ވެސް ފެންނަ ބަޔަކާ ދިމާކޮށް ސަކަރާތް ޖަހަނީއެވެ. ކޮފީ މޭޒުތަކާ ފިނި މައިޒާންތައް ފުރި ބާރުވެފައެވެ. ފިނި ބުރު ޖެހުން އާންމުވެފައެވެ. އަނެއްކާވެސް ރޭގަނޑު 10 ޖަހަންދެނެވެ. 10 ޖެހުމާއެކު ކޮވިޑް މަތިން ހަނދާންވާ ކަހަލައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅުތައް

މި ބަލިން ރައްކާތެރިވުމަށް ކަމަށް ބުނެ ފިޔަވަޅުތަކެއް އަޅާފައި އެބަ ހުއްޓެވެ. މާސްކު އެޅުން މަޖުބޫރު ކުރުމާއި، ކާފިއު ވަގުތު އިތުރު ކުރުން ކަހަލަ ފިޔަވަޅުތަކެވެ. ނަމަވެސް މިއިން ކަމަކުން ފައިދާއެއް ކުރާތަނެއް ނުފެނެއެވެ. އަމުދުން މިއިން ކަމެއް ރަނގަޅަށް ތަންފީޒު ވަނީއެއް ނޫނެވެ. ކާފިއު ވަގުތަކަސް އެހެން ވަގުތަކަސް މަގުމަތީގައި އުޅޭނެ ބަޔަކު އުޅެންވީއެވެ. ފިޔަވަޅު އަޅާނެ ބަޔަކު ނެތް ކަހަލައެވެ. އަޅާފައި ވަނީ ބޭކާރު ފިޔަވަޅު ތަކެކެވެ.

މިރެއިން ފެށިގެން 8:00ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އިރު، މިކަން ތަންފީޒު ކުރެވޭނީ ކިހާވަރަކަށް ކަމާމެދު ސުވާލު އުފެދެއެވެ. 10 އަކުން 5 އަކަށް ކާފިއު ހިންގިއިރު، ކާފިއުގެ ފުރަތަމަ ދުވަހު ނޫނީ މަގުމަތިން މީހުންނެއް މަދެއް ނޫނެވެ. އޭރުވެސް މިކަން ތަންފީޒު ކުރަން ނިކުމެ އުޅޭ ބަޔަކު ނުފެނެއެވެ.

މާލެ ސިޓީ ލޮކްޑައުން ކޮށްފައިވަނިކޮށް، ބޭރުގައި އުޅުނު ބަޔަކު ހުއްޓުވާފައި / ފޮޓޯ: ޕޮލިސް

ކާފިއު ހިންގާ ނަމަ، އޭގެ ނަތީޖާއެއް ފެންނާނެހެން ކުރިއްޔާ ވާނީ ކީއް ހެއްޔެވެ. ތަންފީޒު ކުރާށެވެ. އަމުރުތަކާ ހިލާފުވާ މީހުންނާމެދު ފިޔަވަޅު އަޅާށެވެ. އިތުރު ލޮކްޑައުނަކަށް ދިއުމަކީ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމެއްކަން ވިސްނައިގެން އެންމެން އެއްކޮށް ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މީގެ ބުއްދިވެރި ގޮތް ނޫންބާއެވެ. ނޫނީ ކުރެހެމުން މިދައްކާ ބިރުވެރި މަންޒަރުގެ ކުލަ ބަދަލުކޮށްލަން ހޭލާކަށް އަދިވެސް ނުވޭބާއެވެ؟