ގއ. ކޫއްޑޫގައި މަސްވެރިންތަކެއް ކިރި މަހަށް ފައިސާ ނުލިބިގެން އިހުތިޖާޖު ކުރަމުން އެބަދެއެވެ.
ފުލުހުން ބުނީ ކޫއްޑޫގައި މަސްވެރިންގެ ބަޔަކު ދަނީ އިހުތިޖާޖު ކުރަމުންދާ ކަމަށާއި ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
އެގޮތުން މިހާތަނަށް އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަސް ފުލުހުން ވަނީ ބުނެފައެވެ. އަދި މައްސަލަ ހައްލުކުރުމަށް ގުޅުން ހުރި ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިހުތިޖާޖު ކުރަމުން ދިޔަ މަސްވެރިޔަކު ބުނިގޮތުގައި އެމީހުން އިހުތިޖާޖު ކުރަމުން ދަނީ 'ކަރަވަސްތާ' ނަމަކަށް ކިޔާ ދޯންޏަށް ކޫއްޑޫއިން މަސް ކިރި ފައިސާ ނުދޭތާ މަސް ދުވަސް ވެފައިވާތީ ކަމަށެވެ. އަދި އެފައިސާ ނުދިނުމުގެ ސަބަބުން ވަރަށް ދަތިތަކާ ކުރިމަތިލަމުން ދާ ކަމަށް އެ މަސްވެރިޔާ ބުންޏެވެ.
އެމިހާ ބުނިގޮތުގައި ފައިސާ ނުދައްކާ 12 ބިލެއް އެބަ އޮތް ކަމަށާއި އެއީ ގާތްގަނޑަކަށް މިލިއަނެއް ހާ ރުފިޔާ ކަމަށެވެ. އަދި އިހުތިޖާޖު ކުރަމުން ދާތާ މިހާރު ދެތިން ދުވަސް ވެއްޖެ ކަމަށް ވެސް އެމީހާ ބުނެއެވެ.
ކޫއްޑޫއަކީ މިފްކޯގެ ބެލުމުގެ ދަށުން އުޕަރޭޓް ކުރާ މަޒުކަޒެކެވެ. އެތާނގައި މަސްކިރުމުގެ އިންތިޒާމު ހަމަޖެހިފައި ހުރި ނަމަވެސް ކިރާ މަހަށް ފައިސާ ނުދޭ ވާހަކަ މަސްވެރިން ދައްކާތާ އެތައް ދުވަހެއް ވެއްޖެއެވެ. މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު "ދަ ޕްރެސް" އަށް މަސްވެރިން ދިން އިންޓަވިއުއެއްގައި ބުނީ ހާއްސަކޮށް ދެކުނު އަތޮޅުތަކުގައި މަސް ކިރައިގެން ފައިސާ ނުލިބޭ ވާހަކައެވެ. ވަގުތުން ވަގުތަށް ލިބެން ޖެހޭ ފައިސާ ހަފްތާ، ދެ ހަފްތާވާ އިރުވެސް ނުލިބި ދިގުލައިގެންދާ ވާހަކައެވެ.
މި ކަމާ ގުޅިގެން އޭރު މިފްކޯއިން ބުނެފައިވަނީ މަސް ގަންނަ އަގަށް މަސް ނުވިކޭތީ، ލާރި ދިނުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ނަމަވެސް އެންމެ ލަސްވެގެން ހަފްތާއެއް ތެރޭ މަސްވެރިންނާ ފައިސާ ހަވާލުކުރާ ކަމަށެވެ.
މިއަދު ކޫއްޑޫގައި ހިނގަމުންދާ އިހުތިޖާޖާ ގުޅޭ ގޮތުން، މިފްކޯގެ ވެރިއެއްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.