ރާއްޖޭގައި ކޮވިޑް-19 ޖެހުނު ބިދޭސީއަކު މިރޭ ނިޔާވެއްޖެއެވެ.
ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ މިރޭ 8:02 ހާއިރު ކޮވިޑް ޖެހިފައިވާ އުމުރުން 62 އަހަރުންގެ ބަންގްލަދޭޝް ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވީ ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ.
މިރޭ ނިޔާވި ބިދޭސީމީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ މިމަހު 16 ވަނަ ދުވަހެވެ. އޭނާއަކީ މި ބަލީގައި ރާއްޖެއިން ނިޔާވި 26 ވަނަ މީހާއެވެ. އަދި މިއީ މިމަހު ކޮވިޑް ޖެހިގެން ނިޔާވި 9 ވަނަ މީހާވެސް މެއެވެ.
މިހާތަނަށް އައިއިރު 26 މީހުން ނިޔާވެފައިވާއިރު، އެއީ 14 ފިރިހެނުންނާއި 12 އަންހެނުންނެވެ. މި ބަލީގައި ރާއްޖެއިން ނިޔާވީ 20 ދިވެހިންނާއި 6 ބިދޭސީންނެވެ. ބިދޭސީންހެ ތެރެއިން ނިޔާވީ ހުސް ބަންގްލަދޭޝަށް ނިސްބަތްވާ ފިރިހެނުންނެވެ.
ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން 42 އަހަރުގެ ދިވެހި ފިރެހެނަކާއި 52 އަހަރުގެ އަންހެންކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނަކާއި 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި 89 އަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ އަންހެނަކާއި 67 އަހަރުގެ ފިރިހެނެކެވެ. އަދި 77 އަހަރުގެ އަންހެނަކާއި، 61 އަހަރުގެ އަންހެނަކާއި 64 އަހަރުގެ އަންހެނަކާއި 41 އަހަރުގެ އަންހެނަކާއި، 82 އަހަރުގެ ފިރިހެނެކެވެ.
މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 6564 މީހުންގެ ތެރެއިން 4012 މީހުން ރަނގަޅުވެފައިވާއިރު، 26 މީހަކު ވަނީ ނިޔާވެފައެވެ. މިހާރު މިބަލި ޖެހިފައިވާ 2527 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 166 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1398 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.